ވިޔަފާރި

އުއްމީދަކީ މިއަހަރު 5000 ޒުވާނުން ވަޒީފާއަށް ނެރުން - ފައްޔާޟް


މިއަހަރުގެ ތެރޭގައި ވަޒީފާގެ ބާޒާރަށް 5000 އެއްހާ ޒުވާނުން ނެރުމަކީ ސަރުކާރުގެ އުއްމީދެއްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ވަޒީފާގެ ބާޒާރަށް ދިވެހިން ތަމްރީނުކުރުމަށް ޕޮލިޓެކްނިކާއެކު ސޮއިކުރެވުނު އެއްބަސްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ދާއިރާތަކުގެ ތެރެއިން އިތުރު ތަމްރީން ބޭނުންވާ ދާއިރާތައް މިނިސްޓްރީން ފާހަގަކުރަމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޕޮލިޓެކްނިކާއެކު ސޮއިކުރި މި އެއްބަސްވުމަކީ މިފަދަ ދާއިރާތަކުން ދިވެހިން ތަމްރީންކޮށް ކުރިއެރުވުމަށްޓަކައި މުހިއްމު މަސައްކަތެއްކަމަށެވެ. އަދި މިއަހަރުތެރޭ ސަރުކާރުގެ އުއްމީދަކީ މިފަދަ ތަމްރީނު ޕްރޮގްރާމުތައް މެދުވެރިކޮށް 5000 އެއްހާ ވަޒީފާ އަށް ނެރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ އަޅުގަނޑުމެންގެ ސަރުކާރުން މި ގެންނަން އުޅޭ އިންޑަސްޓްރީތަކަށް މީހުން ތައްޔާރުކުރުމާއި އެއްކޮށް މި ދެންނެވި ގޮތަށް ޚާއްސަކޮށް މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހިން ގެންދިއުމަށް ތަމްރީނު ދިނުމަށް.އެއަށް ބޭނުންވާ ޓްރެއިނިންގތަކަށް އަޅުގަނޑުމެން މި މަސައްކަތްކުރަނީ. މިއީ ރަނގަޅު ފެށުމެއްކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ. އަޅުގަނޑުމެން މިމަސައްކަތްކުރަނީ މި އަހަރުގެ ތެރޭ 5000 އެއްހާ ކުދިންނަށް މިފަދަ ޓްރެއިންގްތައް ދީގެން ވަޒީފާއަށް ނެރުމަށް" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މަތީ ފަންތީއާއި މެދު ފަންތީގެ ވަޒީފާތަކުގައި ބިދޭސީން ތިއްބެވުމަކީ ކަންބޮޑުވާކަމެއްކަމަށާއި ސަރުކާރުގެ އުއްމީދަކީ މިދާއިރާތަކަށް ޤާބިލް ދިވެހިން ގެނައުންކަމަށެވެ.

މި މަސައްކަތުގެ ދަށުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ޕޮލިޓެކްނިކްއާއި ގުޅިގެން ރާއްޖޭގެ ކޮންމެވެސް އަތޮޅެއްގައި މިއަހަރުގެ ތެރޭ ޓްރެއިނިންގ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިނިސްޓްރީއަށް އެހީތެރިވެދޭނަން އިތުރު ޓްރެއިނިންގ ސެންޓަރު އެޅުމަށް ބޭނުންވާ ފައިސާ ހޯދައިދިނުމަށް. އެހެންވީމަ، ވަރަށް އަވަހަށް އަޅުގަނޑުމެން ރާއްޖޭގެ އުތުރު ނުވަތަ ދެކުނުގައި ވަރުގަދަ ޓްރެއިނިންގ ސެންޓަރެއް ޤާއިމްކުރާނަން. އަޅުގަނޑުމެންގެ ކަންބޮޑުވުމެއް އެބައޮތް ރާއްޖޭގައި ބައިވަރު ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރާތީ. ނަމަވެސް އިޤްތިސާދު ކުރިއެރުވުމަށް މީހުން އެބަބޭނުންވޭ." މިނިސްޓަރ ވިދާޅުވިއެވެ.

ވަޒީފާ ހޯދުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށްދީ، ގިނަ ދިވެހިން ވަޒީފާގެ ބާޒާރަށް ނެރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު ސަރުކާރުން ވަނީ ވަޒީފާގެ ފުރުސަތު ފަހިކުރުމަށްޓަކައި ޖޮބް ސެންޓަރގެ ނަމުގައި ވެބްސައިޓެއްވެސް ތަޢާރަފްކޮށްފައެވެ.

މި މިވެބްސައިޓް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހުރިހާ ވަޒީފާގެ ފުރުސަތުތައް އާންމުންނަށް ފަސޭހައިން އެނގޭނެކަމަށް ސަރުކާރުން ބުނެއެވެ.