ކުޅިވަރު

ޤައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުމަށް ކުލަބު އޭދަފުށިން މާސްޓަރ ޕްލޭނެއް ތައްޔާރުކުރަނީ!


ފުޓްބޯޅަ އާއި ބެޑްމިންޓަނުން ރާއްޖޭގެ ފެންވަރުގެ ކުޅުންތެރިންތަކެއް ނެރުމަކީ އަމާޒެއްކަމަށާ، އެކަން ޙާޞިލް ކުރުމަށް މާސްޓަރ ޕްލޭނެއް ތައްޔާރަމުން އަންނަކަމަށް ކްލަބް އޭދަފުށިން ބުނެފިއެވެ.

އޭދަފުށީގެ ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުލަބް އޭދަފުށިގެ ރައީސް ތޮލާލް އަބްދުއްރަހުމާން ވިދާޅުވީ ކުރިއަށް މިއޮތް ހަތް އަހަރުގެ ތެރޭގައި އޭދަފުށީން ޤައުމީ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް ފެންނާނެކަމަށާއި، އެއީ މިހާރު ޤައުމީ ފެންވަރުގައި ކުޅެ ކާމިޔާބު ހޯދާފައިވާ ފުޓްބޯޅައާ ބެޑްމިންޓަން މި ދެކުޅިވަރުންކަމަށެވެ.

އޭދަފުށީގެ ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެންދިއުމަށް ކްލަބުން ވަނީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތީ)އާއިއެކު އޭދަފުށީ ފުޓްބޯޅަ ޓީމްގެ ފަރިތަކުރުންތައް ފަށައިފައެވެ.

ކްލަބުން ހިންގާ ހަރަކާތްތަކާ ގުޅޭ ގޮތުން ވާހަކަދައްކަމުން ތޮލާލް ވިދާޅުވީ، ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތް ކާމިޔާބު ވާނެކަމުގެ އުއްމީދު ބޮޑުކަމަށާއި، ތަޖުރިބާކާރު ކޯޗަކާއެކު ހާސިލް ކުރަންބޭނުންވާ ނަތީޖާ ހޯދޭނެކަމަށެވެ.

ކްލަބް އޭދަފުށީން މިއަހަރު އަންނަނީ ގްރާސްރޫޓް ވައިޑީޕީ ޕްރޮގްރާމް ފެށުމަށް ތައްޔާރުވަމުންނެވެ. އަދި މިއަހަރު އެކްލަބުން އިންތިޒާމުކޮށްގެން އަތޮޅު ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށްވެސްވަނީ ނިންމާފައެވެ.މިހާރުވެސް އޭދަފުށީގައި ގްރާސްރޫޓް ޓްރެއިނިން ޕްރޮގްރާމެއް ބ.އަތޮޅު ތައުލީމީ މަރުކަޒުން ކާމިޔާބު ކަމާއެކު ކުރިއަށްގެންދެއެވެ.

ފުޓްބޯޅައާ ބެޑްމިންޓަންގެ އިތުރުން ޓީޓީއާއި، ނެޓްބޯޅަ ކުރިއެރުމަށްވެސް މިއަހަރު މަސައްކަތްތަކެއް ކުރުމަށް އެކުލްބުން ދަނީ ތައްޔާރުވަމުންނެވެ.