ވިޔަފާރި

ޕޮލިޓެކްނިކާއި އިނޮކޮމިކް މިނިސްޓްރީ ގުޅިގެން ވަޒީފާތަކަށް ދިވެހިން ތަމްރީންކުރަނީ


ވަޒީފާގެ ބާޒާރަށް ދިވެހިން ނެރުމަށް ޕޮލިޓެކްނިކާއެކު އިކޮނޮމިކް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ނީޒާ އިމާދެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަހުމަދު ނާޞިރެވެ.

ޕޮލިޓެކްނިކްގައި ބޭއްވި މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް އާއި ހަޔަރ އެޑިއުކެޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި އެއްބަސްވުމުގެ ދަށުން ޕޮލިޓެކްނިކްއާއި ގުޅިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސެޓްފިކެޓް ލެވެލް ތިނެއް އަދި އެޑްވާންސް ލެވެލް ފެންވަރުގެ 10 ކޯހެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދު ވިދާޅުވީ ޖެނުއަރީ އަދި ފެބްރުއަރީމަހު ރާއްޖޭގެ ހަތަރު ރަށެއްގައި ކޯސްތަކެއް ކުރިއަށްގެންދާނެކަމަށެވެ. އެގޮތުން މ. މުލީގައި އިލެކްޓްރީޝަން ކޯހެއް، އއ. އުކުޅަހުގައި ގެސްޓްހައުސް މެނޭޖްމަންޓް ކޯހެއް، ޅ. ހިންނަވަރުގައި ސިވިލް އިންޖީނިއަރިންގ ކޯހެއް އަދި ފުވައްމުލައް ސިޓީގައި ރެފްރިޖިރޭޝަން އެންޑް އެއަރކޮންޑިޝަނިންގ ކޯހެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް މުޖާހިދު ވިދާޅުވިއެވެ.

"މިއިން ކޮންމެ ރަށެއްގައި ވެސް އަޅުގަނޑުމެން ކޯސްތައް ކުރިއަށްގެންދާނަން. ދެން ރަށްތައް ކަނޑައެޅިފައި ވަނީ އެ ސަރަޙައްދުތަކުގައި ހުރި ފުރުސަތުތަކާއި އަތޮޅުގެ އެހެނިހެން ބޭފުޅުންނަށް ވެސް ކޯހުގައި ބައިވެރިވުމުގެ ފަސޭހަތަކާއި އެހެނިހެން ކަންތައްތަކަށް ބެލުމަށްފަހު." މުޖާހިދު ވިދާޅުވިއެވެ.

މުޖާހިދު ވިދާޅުވީ މި ކޯސްތަކުގެ އިތުރުން މިއަހަރުގެ މެއި، ޖޫން، ސެޕްޓެމްބަރު އަދި އޮކްޓޯބަރުމަހު ވެސް މީގެ ކޯސްތަކެއް ކުރިއަށްގެންދަން ރާވާފައިވާކަމަށެވެ. އެގޮތުން ހއ. ށ. ނ. ދ. ވ ހދ. ގދ. ލ. ކ އަތޮޅު ކާށިދޫ ފ އަތޮޅު އދ. ގދ އަދި ތ އަތޮޅުގައި ކޯސްތަކެއް ކުރިއަށްގެންދަން ނިންމާފައިވާކަމަށް މުޖާހިދު ވިދާޅުވިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޕޮލިޓެކްނިކްގެ ސީއީއޯ އަހުމަދު ނާޞިރު ވިދާޅުވީ ޕޮލިޓެކްނިކްއިން ކުރިއަށްގެންދާ މިފަދަ ކޯސްތަކަކީ ސަރުކާރުން ބޮޑެތި ޚަރަދުކޮށްގެން ކުރިއަށްގެންދާ ކޯސްތަކެއްކަމަށެވެ. އެހެންކަމުން، ހިލޭ ކުރިއަށްގެންދާ މި ކޯސްތަކުގައި ގިނަ ޒުވާނުން ބައިވެރިވުމަކީ މުހިއްމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ޓެކްނިކަލް ދާއިރާތަކަށް މީހުން ބިނާކުރުމަކީ ބޮޑެތި އިންވެސްޓްމެންޓްތައް ބޭނުންވާނެކަމެއް. އަޅުގަނޑުމެންނަށް މި ކޯސްތައް ފެށުމަށް ވެސް ހަތަރު ފަސް މިލިއަން ރުފިޔާގެ އިންވެސްޓްމެންޓެއް ބޭނުންވާނެ. އެހެންވީމަ، ސަރުކާރުން ބޮޑެތި އިންވެސްޓްމެންޓްތައް ކޮށްގެން ކުރާ ކަމެއް މިއީ." އަހުމަދު ނާޞިރު ވިދާޅުވިއެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ހުނަރުވެރި ދިވެހިން ބިނާކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މި އާމާޒާއި އެއްގޮތަށް މިހާރު އިކޮނޮމިކް މިނިސްޓްރީން ވަނީ ވަޒީފާގެ ފުރުސަތު ފަހިކުރުމަށްޓަކައި ޖޮބް ސެންޓަރގެ ނަމުގައި ވެބްސައިޓެއްވެސް ތަޢާރަފްކޮށްފައެވެ.