ޚަބަރު

އިލެކްޝަން ކޮމިޝަނަށް ފަޔާޒް ކުރިމަތިލައްވަން ނިންމަވައިފި


އިލެކްޝަން ކޮމިޝަނުން ހުސްވާ މަޤާމަށް ކުރިމަތިލައްވަން އެކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހުމަދު ފަޔާޒް ހަސަން ނިންމަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ރައީސް އޮފީހުން ހުޅުވާލުމާއި ގުޅިގެން ފަޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާކަމަށެވެ.

"އަޅުގަނޑު ﷲގެ ވާގިފުޅާއެކު އިލެކްޝަންސް ކޮމިޝަން ގެ މެމްބަރުކަމަށް ކުރިމަތިލާން ނިންމައި އެކަމުގެ ފަތްތޫރަ ހިންގަން" ފަޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އިލެކްޝަންގެ މެމްބަރުކަމަށް ހުޅުވާލައްވައިފައިވަނީ ކޮމިޝަނުގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު މިއަހަރުގެ މާރޗް މަހުގެ 23އަށް ހަމަވާތީއެވެ. އިލެކްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ހުޅުވާލާފައިވަނީ މިމަހުގެ 27ވަނަ ދުވަހުގެ ނިޔަލަށެވެ. އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް ހުޅުވާލާފައިވަނީ ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމްގެ މަޤާމުގެ މުއްދަތު އޭޕްރީލް މަހުގެ 23ވަނަ ދުވަހު ހަމަވާތީއެވެ.

އިލެކްޝަންގެ މެމްބަރުކަމުގެ މަޤާމަށް ކުރިމަތިލައްވާނެކަމަށް އިއުލާންކުރެއްވި ފަޔާޒްވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށްވެސް ކުރިމަތިލައްވާފަ. ނަމަވެސް މަޖިލީހުން އޭނާއަށް ރުހުން ލިބިފައިނުވޭ. ފަޔާޒަކީ މިހާރު ވިލާ ކޮލެޖްގެ ޑެޕިއުޓީ ވައިސް ރެކްޓަރއެވެ. އޭނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ކުރައްވައިފައެވެ.

އިލެކްޝަންގެ ނައިބްރައީސްގެ މަޤާމު ފުރުއްވަމުންދާ އަކްރަމްވެސް މި މަޤާމަށް ކުރިމަތިލައްވާނެކަމަށް ބެލެވޭ. ނަމަވެސް މިހާތަނަށް ކުރިމަތިލެއްވާނެކަން އޭނާ ހާމަކުރައްވާފައިނުވޭ.