ވިޔަފާރި

ގޯލްޑް 100ގެ ގޯލްޑް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް


ގޯލްޑް 100 އެވޯޑްގެ ގޯލްޑް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ގޯލްޑް 100 އެވޯޑްގެ ގޯލްޑް ޕާޓްނަރަކަށްވުމުގެ އެއްބަސްވުމުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ، ޑައިރެކްޓަރ އޮފް ސޭލްސް ޑިސްޓްރިބިއުޝަން އެންޑް ސޭލްސް ހުސައިން ނިޔާޒްއެވެ. އަދި ގޯލްޑް 100 އެވޯޑް އިންތިޒާމްކުރާ އޯރކާ މީޑިއާގެ ފަރާތުން ސޮއިކުރެއްވީ، ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ.

އޯރކާ މީޑިއާގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވާ ގޯލްޑް 100 އެވޯޑަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ފާހަގަކުރުމަށްޓަކައި 2017 ވަނަ އަހަރުން ފެށިގެން ބާއްވާ އެވޯޑެކެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރިތައް ހޮވުމަށްޓަކައި ހުށަހެޅޭ ކުންފުނިތަކުގެ މަޢުލޫމާތު އިވެލުއޭޓްކުރުމަށްވެސް މިނިވަން ކޮންސަލްޓަންސީ ފާމެއް ކަނޑައަޅާފައިވާކަމަށް އޯރކާ މީޑިއާއިން ބުނެއެވެ. 2019 ވަނަ އަހަރުގެ ގޯލްޑް 100 އަށް ހޮވޭ ކުންފުނިތަށް ހޮވުން އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ދަރުބާރުގޭގައެވެ.

ކޯޕަރޭޓް މޯލްޑިވްސްއިން މިހާރު ވަނީ "ނެކްސްޓް 100" އެވޯޑްވެސް ލޯންޗްކޮށްފައެވެ. ގޯލްޑް 100 އެވޯޑާއި ޙިލާފަށް ނެކްސްޓް 100 އެވޯޑަކީ ރާއްޖޭގައި ހިންގާ ކުދި ވިޔަފާރިއާއި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކޯޕަރޭޓް މޯލްޑިވްސްއިން ތަޢާރަފްކުރި އެވޯޑެކެވެ.