ޚަބަރު

ޗައިނާގައި ނޮވެލްކޮރޯނާ ވައިރަސް ފެތުރުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެޤައުމުގެ ރައީސް ގޮވާލައްވައިފި


ޗައިނާގައި މިހާރު ފެތުރެމުންދާ ނޮވެލްކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކަށް ރައީސް ޝީ ޖިންޕިންގް ގޮވާލައްވައިފިއެވެ.

ޗައިނާއިން ބުނެފައިވަނީ މިހާތަނަށް 200އަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާކަމަށާއި މީގެ ތެރެއިން ހަތަރު މީހުން މަރުވެފައިވާކަމަށެވެ. ނޭވާލާ ނިޒާމަށް ޖެހޭ މިވައިރަސް އެންމެ ބޮޑަށް ފެތުރިފައިވަނީ ޗައިނާގެ ވުހާން ޕްރޮވިންސުންނާއި ވިޔަފާރީގެ މަރުކަޒީ ރަށް ޝެންހާއީއިންނާއި ވެރިކަން ކުރާ ބެއިޖިންގުންނެވެ. މީގެ އިތުރުން، ތައިލޭންޑާއި ޖަޕާނާއި ދެކުނު ކޮރެއާއިންވެސް މިވައިރަސް ޖެހިފައި ތިބި މީހުންވަނީ ފެނިފައެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޗައިނާގެ ރައީސް ޝީވަނީ ޢާންމުންގެ ރައްކާތެރިކަމާ ސިއްޙަތަށް އިސްކަން ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ. ޝީވަނީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ ހުރިހާ ރައްކާތެރި ފިޔަވަޅުތަކެއް އެޅުމަށް ޢަމުރުކުރައްވާފައެވެ. އަދި ބަހާރު މޫސުމާ ދިމާކޮށް ޗައިނާގައި ބާއްވާ އެކި ކުޅިވަރިތަކުގައި ބައިވެރިވުމަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްތަނަކަށް އެއްވާނެތީ ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅަކަށް އިސްކަން ދޭން ޖެހޭކަމަށްވެސް ޝީ ވިދާޅުވިއެވެ.

ޗައިނާގެ ރައީސް ވިދާޅުވީ މިވައިރެސްއާ ބެހޭ ގޮތުން ލިބޭ އާ މަޢުލޫމާތު ވީހާވެސް އަވަހަށް ޢާންމުންނާ ޙިއްސާކުރަން ޖެހޭނެކަމަށާ ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެއްބާރުލުންވެސް ހޯދަން ޖެހޭނެކަމަށެވެ. ޗައިނާގައި މިހާރު ފެތުރެމުންދާ ވައިރަސްއާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މިވައިރެސްއަކީ 2002ވަނަ އަހަރުން 2003ވަނަ އަހަރަށް ޗައިނާގައި ފެތުރުނު ސާސް ވައިރަސްފަދަ ނުރައްކާތެރި ވައިރަހަކަށް ވެދާނެކަމަށް ބެލެވެއެވެ. އެފަހަރު ޗައިނާގެ އިތުރުން އޭޝިއާގެ އެހެން ސަރަޙައްދުތަކަށް ފެތުރުނު ވައިރަސްގެ ސަބަބުން އަށްސަތޭކަ މީހުން މަރުވިއެވެ.