ވިޔަފާރި

އެމްޑަބްލިޔުއެސްސީއާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރުން ބަދަލުކޮށްފި


އެމް.ޑަބްލިޔު.އެސް.ސީއާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރުން ބަދަލުކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި ހަސަން ޝާހު އައްޔަންކޮށްފައިވާކަމަށެވެ. އަދި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި އާދަމް އާޒިމް އައްޔަންކޮށްފައިވާކަމަށެވެ.

އެމް.ޑަބްލިޔު.އެސް.ސީއާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރުން ބަދަލުކުރައްވާފައިވާއިރު، މިބަދަލު ގެންނެވި ސަބަބެއް ސަރުކާރުން ހާމަކުރައްވާފައެއްނުވެއެވެ.

އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަންކުރެއްވި އާދަމް އާޒިމް ކުރިން ހުންނެވި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމުުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އާދަމް އާޒިމްއަކީ މީގެކުރިން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަންކުރެއްވި ހަސަން ޝާހު ކުރިން ހުންނެވި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 11 ވަނަ ދުވަހުއެވެ. ޝާހު ވަނީ މީގެ ކުރިން އެމްޕީއެލްގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރގެ މަޤާމާއި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުގެ މަޤާމު އަދާކުރައްވާފައެވެ.