ޚަބަރު

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީއަށް އައު ރައީސެއް


އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަންތާ ޕާޓީ، ބީޖޭޕީގެ އައު ރައީސަކަށް ސިޔާސީ ގޮތުން ތަޖުރިބާކާރު ބޭފުޅެއްކަމަށް ޖަގަތް ޕްރަކާޝް ނައްދާ ޢައްޔަނުކޮށްފިއެވެ.

ގިނަ ދުވަސްތަކެއްވަންދެން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ އަރިސް ބޭފުޅެއްކަމަށްވާ ނައްދާ ބީޖޭޕީގެ ރައީސްކަމަށް ޢައްޔަނުކޮށްފައިވަނީ ސްޓޭޓު އިންތިޚާބުތަކަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

1970ވަނަ އަހަރުގެ ތެރޭގައި އިންޑިއާގެ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވަޑައިގަންނަން ފެއްޓެވި ނައްދާ ބީޖޭޕީގެ ރައީސްކަމަށް ޢައްޔަނުކޮށްފައިވަނީ އިންޑިއާގެ ދާޚިލީ ވަޒީރު އަމިތް ޝާޙްގެ ބަދަލުގައެވެ. ބީޖޭޕީން ބުނެފައިވަނީ ޕާޓީގެ ރައީސް ކަމަށް އެހެން ބޭފުޅަކު ވާދަކުރައްވާފައިނުވާކަމަށެވެ.

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީންވަނީ 2019ވަނަ އަހަރު އެޤައުމުގައި އޮތް ޢާންމު އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދާ ޤާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތު ހޯދައިފައެވެ.