2012ވަނަ އަހަރު އިންޑިއާގެ ނިއު ދިއްލީގައި ބަހެއްގެ ތެރޭގައި 23 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމުގައި ބައިވެރިވި ޕަވަން ގުޕްތާއަށް އޭރު އަށާރަ އަހަރަ ނުފުރޭތީ އޭނާގެ މައްޗަށް ކޮށްފައިވާ މަރުގެ ޙުކުމް ލުއިކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބޭރުކޮށްލައިފިއެވެ.
އިންޑިއާގެ އިތުރުން މުޅި ދުނިޔެ ސިއްސުވާލި އެޙާދިސާގައި އަންހެން ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާވަނީ މަރުވެފައެވެ. ގުޕްތާއާއި އިތުރު ފަސް މީހުން ބައިވެރިވި އެޖަރީމާގައި އެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމީ 2013ވަނަ އަހަރުއެވެ. މީގެ ތެރެއިން އެކަކުވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވެފައެވެ. އަނެއް ފަސް މީހުން ދަންޖައްސާ މެރުމަށްވަނީ ހުކުމްކޮށްފައެވެ. އެމީހުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކުރާނީ އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.
އެޖަރީމާގައި ބައިވެރިވި އޭރު އުމުރުން 18 އަހަރު ނުފުރޭ ގުޕްތާވަނީ 2017ވަނަ އަހަރު ދިއްލީގެ ހައިކޯޓުގައި އެމައްސަލަ އިސްތިޢުނާފުކޮށްފައެވެ. ނަމަވެސް އެކޯޓުން މައްސަލަ ބޭރުކޮށްލުމުން އޭނާގެ ވަކީލުންގެ ފަރާތުންވަނީ ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހަޅާފައެވެ.
އެމައްސަލަ ބޭރުކޮށްލަމުން ތިން ފަނޑިޔާރުން ހިމެނޭ ސުޕްރީމް ކޯޓުގެ ބެންޗުން ބުނެފައިވަނީ ކުށެއް ކުރާއިރު 18 އަހަރު ނުފުރޭ ކުށްވެރިއަކަށް އެ މައްސަލަ ކޮންމެ ވަގުތެއްގައިވެސް ހުށަހެޅިދާނެކަމަށާއި ނަމަވެސް ދަށު ދެކޯޓުންވެސް އެމައްސަލަ ބޭރުކޮށްލުމުން ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަނޭޅޭނެކަމަށެވެ.
ގުޕްތާގެ ވަކީލު ބުނެފައިވަނީ އޭނާވަނީ ބޭއިންސާފުގެ ޝިކާރައަކަށްވެފައިކަމަށާއި އޭނާގެ ޙުކުމް ލުއިކުރުމަށް ޤާނޫނީ ގޮތުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެކަމަށެވެ.