ޚަބަރު

ސ ހުޅުދޫ އާއި މީދޫ އައްޑޫސިޓީން ވަކިކުރަން ޕެޓިޝަނެއް ހުށައަޅައިފި


އައްޑޫ ސިޓީގައި ހިމެނޭ ހުޅުދޫ އާއި މީދޫގައި ރަށު ކައުންސިލެއް އުފައްދައި އެދެރަށް އައްޑޫސިޓީ ކައުންސިލުގެ ދަށުން ވަކިވުމަށް އެދި ތައްޔާރުކުރި ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށާއި، ކަމާއި ގުޅޭ އެހެން އިދާރާތަކަށް ހުށައަޅައިފިއެވެ.

މިގޮތުން އެޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، ލޯކަލްގަވަރމެންޓް އޮތޯރިޓީގެ ރައީސަށާއި، އިލެކްޝަންސް ކޮމިޝަންގެ ރައީސަށާއި، ރައްޔިތުންގެ މަޖިލީހުގައި ހުޅުދޫ އާއި މީދޫ ތަމްސީލްކުރައްވާ މެމްބަރުންނަށްވެސް ވަނީ ފޮނުއްވާފައެވެ.

މިޕެޓިޝަން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށްވެސް ވަނީ ފޮނުއްވާފައެވެ.

ޕެޓިޝަނާއި އެކު ރައީސުލްޖުމުހޫއްރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުވުމަށް ތައްޔާރު ކުރި ސިޓީގައި ބުނެފައި ވަނީ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ރައްޔިތުންނަށް ބޭނުންވާ އެންމެހައި ޙިދުމަތްތައް ގާތުން ލިބިގަަތުމަށް ބޭނުންވާ ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލަކަށް މެނުވީ ވޯޓުލާން ބޭނުންނުވާ ކަމަށް އެސިޓީގައި ބުނެފައި ވެއެވެ.

" އަފިރިންގެ ކައުސިންލް އަފިރިންނަށް " މިނަމުގައި ޕެޓިޝަން ހުށަހެޅުމަށް އެދެރަށު ގިނަ ރައްޔިތުންތަކެއް ވަނީ ސޮއެކޮށްފައެވެ. މިޕެޓިޝަނުގައި ފާހަގަ ކޮށްފައިވާ ގޮތުގައި އައްޑޫސިޓީ އަކަށް 2011 ވަނަ އަހަރު ބަދަލު ވެގެން ދިޔައިރު، ފާއިތުވި 9 އަހަރު ތެރޭގައި ވަކިން އޮންނަ ހުޅުމީދޫގެ ކަންކަމަށް ވަރަށް ބޮޑަށް ވަނީ އިހުމާލުވެފައެވެ. އެގޮތުން ހިތަދޫގައި ހުރި ސިޓީ ކައުންސިލް އިދާރާއަށް ގިނަ ކަންކަމުގައި ރައްޔިތުން ދާން ޖެހި ވަރަށް ގިނަ ކަންކަން މަރުކަޒުވެފައިވާ ކަން ޕެޓީޝަނުގައި ފާހަގަ ކުރެއެވެ.

ޕެޓިޝަނުގައި އިތުރަށް ބުނެފައި ވަނީ ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު މަޤުސަދަކީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުން ކަމަށްވާއިރު، މުޅި އައްޑުއަތޮޅު ސިޓީ އަކަށް ހެދި އިރު އާބާދީގެ ގޮތުން ހަމައެކަނި ހިތަދޫ ވެސް ސިޓީ އަކަށް ހެދުމަށް ޤާނޫނީ ހުރަހެއް ނެތް ކަމަށެވެ. މީގެ އިތުރުން ފަހުން ރާއްޖޭގެ އިދާރީ ދާއިރާތަކަށް އައި ބަދަލަށް ރިއާޔަތްކޮށް ބުނެފައިވަނީ، ފުވައްމުލަކު ސިޓީއަކީ އެއްރަށެއްގެ މައްޗަށް އޮތް ތަނެއް ކަމަށެވެ. އަދި ހދ. ކުޅުދުއްފުށި ސިޓީ އަކަށް ބަދަލު ކުރި އިރު، މުޅި ހދ އަތޮޅު ބަދަލު ނުކުރާ ކަން ވަނީ ފާހަގަ ކޮށްފައެވެ. އެހެން ކަމުން މިތަންތަނުގެ ރައްޔިތުންވެސް ހުޅުދޫ މީދޫގެ ރައްޔިތުން ކުރަން ޖެހޭ ތަޖުރިބާ ނުކުރާ ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.

މިޕެޓިޝަނާއި ގުޅިގެން ހުޅުދޫ ކައުންސިލަރު އިބްރާހީމް ޝުކުރީ ވިދާޅުވީ، ވަކި ވެގަތުމަކީ އެއްވެސް އިރެއްގައި އޭނާ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށާއި، ނަމަވެސް ހުޅުދޫގެ ރައްޔިތުން އެކަމަށް ބޭނުންވެ އެކަމަށް އެދި ތިބި ކަމަށްވާނަމަ، ރައްޔިތުންގެ އަޑު އިއްވަން ޖެހޭ ހުރިހާ ފަރާތަކަށް އެއަޑު އިއްވުމަށް އޭނާ ތައްޔާރަށް ހުންނެވި ކަމަށެވެ.

މީދޫ ކައުންސިލަރު ހިޔާޒް ޕެޓިޝާނާއި ގުޅޭގޮތުން ވިދާޅުވީ، އެކަމަކީ ރަނގަޅު ކަމެއް ކަމަށާއި، ކޮންމެވެސް ވަރަކަށް ކަންކަން ކުރިއަށް ނުގޮސް ލަސްވެ ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެފައި ހުރިކަމަށެވެ. އޭނާ ވެސް ވަނީ ރައްޔިތުން އެކަމަށް އެދޭނަމަ އެކަމުގައި ގޯހެއް އޮތްކަމަށް ދެކެވަޑައި ނުގަންނަވާ ކަމުގައި ވިދާޅުވެފައެވެ.

އެ ޕެޓިޝަނުގައި ބުނެފައި ވަނީ ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުން ވަނީ ދެ ރަށުގައި ރަށު ކައުންސިލެއް އުފައްދުމަށް ކަމަށެވެ. އަދި އެ ކައުންސިލްތަކަށް ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ލިބޭ ބާރުތަށް ލިބެން ބޭނުންވާކަން ފާހަގަކޮށްފައި ވެއެވެ. ލޯކަލް ކައުންސިލް އިންތިހާބު އަންނަ އެޕްރީލް މަހު ބާއްވާއިރު، މިހާރު އިލެކްޝަން ކޮމިޝަނުން ވަނީ އައްޑޫގެ އިދާރީ ދާއިރާތަށް އާބާދީ އަށް ބަލައި ބަހައި ނިންމާ އިއުލާން ކޮށްފައެވެ.