2019 ވަނަ އަހަރަކީ ޗައިނާއަށް އިޤްތިސާދީގޮތުން ގެއްލުން ލިބުނު އަހަރެކެވެ. މިދިޔަ އަހަރު ޗައިނާގެ ޖީޑީޕީ ލަފާކުރި މިންވަރަށް ވުރެ ދަށްވެފައިވާއިރު މިއީ މިދިޔަ އަހަރު ޗައިނާއާއި އެމެރިކާއާއި ދެމެދު ކުރިމަތިވި ވިޔަފާރީގެ ހަމަނުޖެހުންތަކުގެ ނަތީޖާކަމަށް ބައިނަލްއަޤްވާމީ މަޞްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
2019 ވަނަ އަހަރު ނިމުނުއިރު ޗައިނާގެ ޖީޑީޕީ ހުރީ %6.1 ގައެވެ. މިއީ 2018 ވަނަ އަހަރު ހުރި %6.6 ގެ ޖީޑީޕީއާ އަޅާ ބަލާއިރު ދަށްވުމެކެވެ. ޗައިނާގެ ކަމާބެހޭ އިދާރާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވެސް ޗައިނާގެ ޖީޑީޕީ ކުރިއަރާފައިވަނީ އެންމެ 6 އިންސައްތައަށެވެ.
ތަޖުރިބާކާރުން ބުނާގޮތުން މިއީ ޗައިނާގެ އިތުރުވަމުންދާ ދަރަންޏާއި އެހެނިހެން ޤައުމުތަކާއިއެކު އުފެދިފައިވާ ވިޔަފާރީގެ ނުތަނަވަސްކަމާއި ހެދި ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. ޚާއްސަކޮށް 2019 ވަނަ އަހަރު އެމެރިކާއާއި ޗައިނާއާއި ދޭތެރޭ އުފެދުނު ވިޔަފާރީގެ ނުތަނަވަސްކަމާއި ހެދި ޗައިނާގެ ވިޔަފާރިތަކަށް މިދިޔަ އަހަރު ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެފައިވާކަމަށް ތަޖުރިބާކާރުން ބުނެއެވެ.
އެމެރިކާއާއި ޗައިނާއާއި ދޭތެރޭ އުފެދުނު ވިޔަފާރީގެ ހަނގުރާމަ ފެށުނީ ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެކްސްތައް ބޮޑުކުރަން ފެށުމުން ރައްދުގައި ޗައިނާއިން އެމެރިކާގެ އުފެއްދުންތާއި ދެކޮޅަށްވެސް ޓެކްސް ބޮޑުކުރި ހިސާބުންނެވެ.
ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ހަމަނުޖެހުންތައް ކުރިއަށްދާތާ 17 މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެމެރިކާއިން ވަނީ ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ފާއިތުވެ ދިޔަ ދުވަސްތަކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ދާދިފަހުން އެމެރިކާއާއި ޗައިނާއިން ވަނީ އެކަމާ ގުޅޭ ފުރަތަމަ މަރުހަލާގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ޗައިނާގެ ނެޝަނަލް ސްޓެޓިސްޓިކަލް ޗީފް ނިންގ ޝިޒް ވިދާޅުވީ މި އެއްބަސްވުމާއެކު ދެޤައުމުގެ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ނުތަނަވަސްކަން ކުޑަވެފައިވާއިވާކަމަށެވެ. އަދި މީގެ ސަބަބުން ޗައިނާގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަވެ، ދެ ޤައުމުގެ އިޤްތިސާދީ ގުޅުންތައް ރަނގަޅުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށްއޮތް 2 އަހަރުގެ ތެރޭ ޗައިނާއިން އެމެރިކާގެ 200 ބިލިއަން އެމެރިކާ ޑޮލަރުގެ މުދާ ގަތުމަށް ލާޒިމްކުރެއެވެ. މީގެ ތެރެއިން އެމެރިކާގެ ދަނޑުވެރިން އުފައްދާ ބާވަތްތަކުން 32 ބިލިއަން ޑޮލަރުގެ އުފެއްދުންތައް ޗައިނާއިން ގަންނަން ޖެހެއެވެ.
މި އެއްބަސްވުމާއެކު ދެޤައުމުގެ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަވެފައިވީނަމަވެސް ވިޔަފާރީގެ މި ހަނގުރާމަ ނިމުނީއެއް ނޫނެވެ. އެހެންނަމަވެސް މިއީ މި ހަނގުރާމަ ނިންމަން އެޅުނު މުހިއްމު ފިޔަވަޅެއްކަމަށް ބައިނަލްއަޤްވާމީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.