ޚަބަރު

ކައުންސިލް އިންތިޚާބާއި ދިމާކޮށް ބާއްވާ ވޯކްޝޮޕް މިހަފްތާ ބަންދުގައި އޮންނާނެ - އެމްޑީޕީ


ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭން ވޯކްޝޮޕް ތިލަދުންމަތި ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދެއްގައި މިމަހުގެ 23 އިން 25 އަށް ބާއްވަން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ނިންމައިފިއެވެ.

"އެޖެންޑާ 19 ރަށަށް" މިނަމުގައި އެމްޑީޕީން މިދިޔަ ހަފްތާގައި ތިލަދުންމަތީގައި ފެށި ކެމްޕެއިން ހަރަކާތްތަކަށް ފަހު މިހަފްތާގެ ފަހުކޮޅު ބާކީހުރި ހުރިހާ އަތޮޅެއްގައި އެހަރަކާތް ބާއްވާނެކަން ހާމަކޮށް އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނައިބުރައީސް މުޙައްމަދު ޝިފާޒް ވިދާޅުވީ، މި ހަރަކާތް ދެންހުރި ރަށްރަށުގައި ކުރިއަށްދާނީ އެޕާޓީގެ ޓީމްތައް ރަށްރަށަށް ގޮސްގެންކަމަށެވެ.

އެގޮތުން މައި ހަރަކާތްކުރިއަށްދާނީ ކޮންމެ އަތޮޅެއްގައިވެސް ހުރިހާރަށަކުން މެންބަރުން ބައިވެރިކޮށްގެން ކޮންމެވެސް އެއްްރަަށުގައިކަމަށް ޝިފާޒް ވިދާޅުވިއެވެ.

"މިހަރާކާތުގެ ތެރެއިން ދޮރުން ދޮރަށް ހިނގުމާއެކު ހޮނިހިރު ދުވަހު ޚާއްސަ ވޯކްޝޮޕް ކޮންމެ އަތޮޅެއްގެ ކޮންމެވެސް އެއރަށެއްގައި ބޭއްވިގެންދާނެ" ޝިފާޒް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއްކަން ހާމަކުރަމުން ޝިފާޒް ވިދާޅުވީ މިވޯކްޝޮޕް މިހާ އަވަހަށް ކުރިއަށް މިގެންދަނީ ކުރިއްސުރެ ރައްޔިތުންނާއި ގުޅުންހުރި މި ނިޒާމަށް އެޕާޓީންދޭ އިސްކަމެއްގެ ސަބަބުންކަމަށެވެ.

މިހަފްތާ ބަންދުގައި ރަށްރަށަށް 18 ޓީމަކުން ދަތުރުކުރާއިރު، ވަޒީރުންނާއި ސަރުކާރުގެ އިސްމަޤާމުތަކުގެ ބޭފުޅުންގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން މިހަރަކާތްތަކުގައި ބައިވެރިވާނެކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.