ޚަބަރު

ކައުންސިލް އިންތިޚާބުގައި ދެލައްކަ ފަސްދޮޅަސް ނުވަހާހަށްވުރެ ގިނަ މީހުންނަށް ވޯޓުލެވޭނެ


އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުތާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤުލިބިގެންވާ މީހުންގެ ރަޖިސްޓްރީ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ގެޒެޓްކޮށްފައިވާ ރަޖިސްޓްރީގައި ވާގޮތުން އަންނަ އޭޕްރީމް މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙާއްޤު ލިބިގެންވަނީ 269623 (ދެލައްކަ ފަސްދޮޅަސް ނުވަހާސް ހަސަތޭކަ ތޭވިސް) މީހުންނަށެވެ.

ކައުންސިލް އިންތިޚާބުގައި ދެލައްކަ ފަސްދޮޅަސް ނުވަހާސް ހަސަތޭކަ ތޭވިސް މީހުންނަށް ވޯޓު ދިނުމުގެ ޙައްޤުލިބޭކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާއިރު، އެންމެފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ހައްޤުލިބިފައިވަނީ 264،442 (ދެލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ ސާޅީސް ދޭއް) މީހުންނަށެވެ.

އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި 5181 މީހުންނަށް ފުރަތަމަ ފަހަރަށް ވޯޓު ދިނުމުގެ ޙައްޤު ލިބިގެންދާނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ މިރޭ އާންމު ކުރުމާއެކު އެރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅުމުގެ ފުރުސަތު މިމަހުގެ 31 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އަދި އެސްއެމްއެސްކޮށްގެންނާއި އޮންލައިންކޮށްވެސް ވޯޓާސް ރަޖިސްޓްރީގައި ނަން އޮތްތޯ ޗެކްކުރެވޭނެއެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންކަމަށާއި، މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު ބައު ޖަމާލުއްދީނުންކަމަށް އިލެކްޝަންސް އިން މައުލޫމާތުދެއްވިއެވެ.