ޚަބަރު

ލީބިޔާއަށް ޞުލްޙަގެންނަން ބަރލިން ބައްދަލުވުމުގެ ބައިވެރިން ނިންމައިފި


ލީބިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓާލައި އެ ޤައުމަށް ޞުލްޙަ ގެނައުމަށް ގޮވާލައި ޖަރުމަންވިލާތުން އިސްނަގައިގެން ބަރލިންގައި މަތީ ފަންތީގެ ބައްދަލުވުމެއް ބާއްވައިފިއެވެ. އދ އާއި ވިލާތުގެ އިއްތިޙާދުގެ އިތުރުން މައްސަލައާއި ގުޅުންހުރި ހުރިހާ މުހިންމު ޤައުމުތަކެއްގެ އިސްވެރިންވަނީ ބައްދަލުވުމުގައި ބައިވެރިވެފައެވެ.

ޖަރުމަންވިލާތުގެ ޗާންސެލަރ އަންގެލާ މަރކަލް އިސްނަންގަވައިގެން ލީބިޔާގެ މައްސަލަ ޙައްލުކުރުމުގެ މަޤްޞަދުގައި ބަރލިންގައި ބޭއްވި ބައްދަލުވުމުގައި ރަޝިޔާއާއި ތުރުކީވިލާތާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އެންމެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުންގެ ތެރޭގައި އދގެ ސެކްރެޓަރީ ޖެނެރަލް އަންތޯނިއޯ ގުތޭރެޝްވެސް ހިމެނިވަޑައިގަންނަވައެވެ.

ބައްދަލުވުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ލީބިޔާގައި ހަނގުރާމަކުރަމުންދާ ދެފަރާތަށް އެހީވުން ހުއްޓާލައި ލީބިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް އެހެން ޤައުމުތަކުން ނުވަނުމަށް އެއްބަސްވުމެވެ. ބޭރުގެ ފަރާތްތަކުން ލީބިޔާގެ ދާޚިލިއްޔަތަށް ނުފޫޒުފޯރުވަމުންދަނީ ހަނގުރާމަކުރަމުންދާ ފަރާތްތަކަށް ހަތިޔާރާއި ސިފައިންނާއި ފައިސާ ފޯރުކޮށްދީގެންނެވެ. އެހެންކަމުން، އެފަދަ ކަންކަން ނުކުރުމަށް ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުންވަނީ އެއްބަސްވެފައެވެ. ލީބިޔާގެ އެއްވެސް ފަރާތަކަށް ހަތިޔާރު ފޯރުކޮށްދިނުމަކީ އދން މަނާކޮށްފައި އޮތްކަމަކަށްވާތީ އެފަދަ ކަމެއްކޮށްފި ކޮންމެ ފަރާތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅަން ފެންނަކަމަށް ބައްދަލުވުމުގެ ބައިވެރިވަނީ މަޝްވަރާކޮށްފައެވެ. ނަމަވެސް އެފަދަ ކަމެއް ތަންފީޒުކުރެވޭނެކަމަކަށް ނުބެލެވެއެވެ.

ލީބިޔާގައި ހަނގުރާމަކުރަމުންދާ ދެ ފަރާތުގެ އިސްވެރިންކަމަށްވާ ޚަލީފާ ޙަފްތަރުއާއި ބޮޑުވަޒީރު ފާއިޒުސައްރާޖް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ނަމަވެސް ދެބޭފުޅުން ބައްދަލުކުރައްވާފައެއް ނުވެއެވެ. ގިނަ ފަރާތްތަކަކުން އުންމީދުކޮށްގެން ތިބީ ބައްދަލުވުން ނިމިގެންދާނީ ދެފަރާތުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވިގެންކަމަށެވެ. ނަމަވެސް، ބައްދަލުވުން ނިމިގެންދިޔައީ އެކަންވެސް ހާސިލުނުވެއެވެ

މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ޚަލީފާ ޙަފްތަރުގެ ފައުޖުތަކާއި ހަނގުރާމަވެރި ޖަމާޢަތްތަކުންދަނީ ޠަރާބުލުސް ހިފަން ހަނގުރާމަކުރަމުންނެވެ. އެހެންކަމުން ތަރާބުލުސް ދިފާއުކޮށް ސައްރާޖުގެ ވެރިކަން ޙިމާޔަތްކޮށްދޭން ތުރުކީވިލާތުންވަނީ ސިފައިން ފޮނުވާފައެވެ. ތުރުކީވިލާތުގެ ސިފައިން ޠަރާބުލުސަށް ފޮނުވުމުން ބޮޑެތި ފާޑުކިޔުންތަކެއް އެޤައުމަށްވަނީ އަމާޒުވެފައެވެ. ނަމަވެސް ތުރުކީވިލާތުން ލީބިޔާއަށް ފޮނުވާފައި ތިބި ސިފައިން އަނބުރާ ގެންދާނެކަމަކަށް ނުބެލެވެއެވެ.

ރަޝިޔާއާއި ޔޫއޭއީއާއި އުރުދުންނާއި މިޞްރުން ޚަލީފާ ޙަފްތަރުގެ ފައުޖުތަކަށް ސިއްރިޔާތުގައި ހަތިޔާރު ފޯރުކޮށްދޭކަމުގެ އަޑުތައްވަނީ ފެތުރިފައެވެ. އދއާއި ވިލާތުގެ އިއްތިޙާދުވެސް ހިމެނޭހެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލުކުރަނީ ޠަރާބުލުސްގައި އޮންނަ ސައްރާޖުގެ ސަރުކާރެވެ. ނަމަވެސް، ލީބިޔާގެ ގިނަ ތެޔޮވަޅުތައް ޙަފްތަރަށް ތާޢީދުކުރާ ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތުމުން ސައްރާޖުގެ ސަރުކާރުވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.

ބަރލިންގައި ބައްދަލުވުން ކުރިއަށްދިޔައިރުވެސް، ލީބިޔާގެ އެކި ސަރަޙައްދުތަކުގައި ޙަމަލާބަދަލުކޮށްފައިވެއެވެ.