ޚަބަރު

މިނިވަން 50އަށް ދަތުރުފަތުރުގެ ކަންތައް ހަމަޖެއްސުން


މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ޖުލައި 26 ވަނަ ދުވަހު މާލޭގައި ބާއްވާ ރަސްމީ އެކިއެކި ޙަރަކާތްތަކާ ގުޅިގެން އެއްގަމާ ކަނޑުމަތީގެ ސަލާމަތާ ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭ ގޮތުން ފުލުހުން ކަމާގުޅުންހުރި އިދާރާތަކާއެކު ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.އިސްކަންދަރު ކޮށީގައި ބޭއްވި މި ބައްދަލުވުމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިސްބޭފުޅުންނާއި  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ އިސްބޭފުޅުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި، މިނިވަންދުވަހާ ގުޅިގެން މާލޭގައި ބާއްވާ ރަސްމީ އެކިއެކި އިޙްތިފާލުތަކާއި، ޙަރަކާތްތަކާއި ގުޅިގެން މަގުތަކާއި، ކަނޑުމަތީގައި ސަލާމަތާއި، ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކޮށް އެކަންކަން ކުރިއަށްގެންދާނެ ގޮތުގެ އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.އެގޮތުން މިބައްދަލުވުމުގައި ނިންމާފައިވާ އެންމެ މުހިއްމު އެއްކަމަކީ މިނިވަންދުވަހުގެ ޙަރަކާތްތައް ބޭއްވުމަށްޓަކައި މާލޭގެ އެކި ސަރަޙައްދުތަކުގައި ހިންގާ ޙަރަކާތްތަކަށް މަގުފަހިކުރުމަށްޓަކައި ކަނޑައެޅޭ ސަރަޙައްދުތަކުގައި ހުރި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރު އެތަންތަނުން ނެގުމުގައި 3 ފަރާތް ގުޅިގެން އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން މަސައްކަތް ކުރުމެވެ. އަދި ރަސްމިއްޔާތަށް ވަޑައިގަންނަވާ ޢިއްޒަތްތެރިންގެ ދަތުރުފުޅުތަކާއި ގުޅިގެން ބަންދުކުރަންޖެހޭ މަގުތައް ބަންދު ކުރުމާއި، ކަނޑުމަގުން ކުރެވޭ ދަތުރުތަކާއި ގުޅިގެން ކަނޑުމަތީގެ ދަތުރުފަތުރުތަކަށް ބުރޫ ނާރާނެ ގޮތަކަށް ދަތުރުފަތުގެ ކަންކަން އިންތިޒާމު ކުރުމާ ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ. މީގެއިތުރުން، މިނިވަން ދުވަހުގެ ރަސްމީ ޙަރަކާތްތަކާއި ގުޅިގެން ރާއްޖެ ވަޑައިގަންނަވާ ޢިއްޒަތްތެރިން ކަނޑުމަގުން ކުރައްވާ ދަތުރުތަކުގެ ސަލާމަތީ ކަންކަމަށްޓަކައި ހުޅުމާލެއާއި  ވިލިމާލޭގެ ފެރީ ދަތުރުތަކަށް ބުރުލެއް ނާރައި ދަތުރުތައް ކުރިޔަށް ގެންދެވޭނެ ގޮތްތަކާއި، ހުޅުލެއަށް ދަތުރުކުރައްވާ ފަރާތްތަކަށް ދަތިކަމެއްނެތި ހުޅުލެއަށް ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި  އެކަންކަން ފުރިހަމަ އިންތިޒާމެއްގެ ދަށުން ގެންދެވޭނެ ގޮތްތައް މި ބައްދަލުވުމުގައި ކަނޑައަޅާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިބައްދަލުވުމުގައިވަނީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވާނެ ފަރާތްތަކެއްވެސް ކަނޑައަޅާފައެވެ.