ވިޔަފާރި

އެމްއައިބީން ބާޒާރު ސަރވިސް ސެންޓަރ ހުޅުވައިފި


ބާޒާރު ސަރވިސް ސެންޓަރގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުން އައު ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައިފިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ހުޅުވި އައު ކަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވާފައިވަނީ ފާމުދޭރިމަގުގައެވެ. އެމްއައިބީން އަލަށް މި ހުޅުވި ކަސްޓަމަރ ސަރވިސް ސެންޓަރުން "ކޭޝްލެސް" ހުރިހާ ޙިދުމަތެއް ލިބޭނެކަމަށް އެ ބޭންކުން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއައިބީގެ ބާޒާރު ސަރވިސް ސެންޓަރުގެ ހިންގުމާއި ހަވާލުވެ ހުންނެވި، އަޙްމަދު އަޝްފާޤް ވިދާޅުވީ، މި ސެންޓަރ މެދުވެރިކޮށް އެކައުންޓް ހުޅުވުމާއި، ފައިސާ ކާޑަށް އެޕްލައިކުރުމާއި، އިންޓަނެޓް ބޭންކިންއަށް އެޕްލައިކުރުމާއި، ވިޔަފާރި ޙިދުމަތެއްގެ ގޮތުގައި އެ ބޭންކުން ފޯރުކޮށްދޭ އުޖާލާގެ ޙިދުމަތްވެސް ލިބޭނެކަމަށެވެ.

އެމްއައިބީން އައު ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވާފައި މިވަނީ އެ ބޭންކުގެ ހެޑްއޮފީހަށް ބާރުބޮޑުވުމުގެ ސަބަބުންނެވެ. އަދި މި ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް އަވަސް ޙިދުމަތެއް ލިބިގެންދާނެކަމަށް އަޝްފާޤް ވިދާޅުވިއެވެ.

"މިތަން އަޅުގަނޑުމެން މިހުޅުވީ ކަސްޓަމަރުން ހެޑްއޮފީހުގައި ތަންކޮޅެއް ގިނަދުވަސް ވެގެންދިޔައީމައި. އަޅުގަނޑުމެންގެ ޙިދުމަތްތައް ކަސްޓަމަރުންނަށް ފަސޭހައިން ދެވޭނެފަދަ ގޮތެއް ހެދުމަށް. ހެޑްއޮފީހަށް ގޮއްސަ ކިޔޫގައި ތިބުމުގެ ބަދަލުގައި މިތަނަށް އައީމަ އަވަހަށް ޙިދުމަތް ލިބޭނެ." އަޝްފާޤް ވިދާޅުވިއެވެ.

އެމްއައިބީ އިން އަލަށް ހުޅުވި ކަސްޓަމަރ ސަރވިސް ސެންޓަރުގައި މިހާރު ޙިދުމަތްދެނީ 3 ކައުންޓަރުންނެވެ. ނަމަވެސް ކުރިއަށްއޮތް ތަނުގައި ކައުންޓަރުގެ އަދަދު ހަތަކަށް އިތުރުކޮށް، އިތުރު ޙިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެކަމަށް އެ ބޭންކުން ބުނެއެވެ.

އެމްއައިބީން އަލަށް ހުޅުވި ބާޒާރު ސަރވިސް ސެންޓަރ ހުޅުވާފައި ހުންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު ދެގަޑި ތިރީހަށެވެ.