ކުޅިވަރު

ޔުނައިޓެޑް ބަލިކުރެވުނަސް ލީގު ލިބިއްޖެކަމަށް ގަބޫލުކޮށްގެންނުވާނެ: ސަލާހް


މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވި ނަމަވެސް އިނގިރޭސި ޕްރެމިއާ ލީގު ލިބިއްޖެނަމަ ގަބޫލުކޮށްގެން ނުވާނެ ކަމަށް ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް ބުނެފި އެވެ.

އޭނާ މިހެން ބުނީ ރޭ ޕްރެމިއާ ލީގުގައި ޔުނައިޓެޑްގެ މައްޗަށް 2-0އިން ހޯދި މޮޅާއެކު 16 ޕޮއިންޓްގެ ލީޑެއް ލިބުމުންނެވެ. ސަލާހް ބުނީ ހުސްވި ސީޒަނުގައި ޕްރެމިއާ ލީގު ގެއްލުނީ ލިވަޕޫލަށް ބައެއް ކަންކަމުގައި ފަރުވާކުޑަކޮށްލެވުމުން ކަމަށެވެ.

"އަހަރުމެންނަށް މިދިޔަ އަހަރު ވެސް ލީޑް ލިބުނު. އެކަމަކު ލީގު ނުލިބިދިޔައީ ފަސެހަކޮށްލެވުމުން. މިފަހަރު އެހެންވިޔަ ނުދިނުމަށް މިހިސާބުންވެސް އަހަރުމެން ވިސްނައިގެން ނުވާނެ މިހާރު ޕްރެމިއާ ލީގު ލިބިއްޖެކަމަށް. އަހަރުމެން މެޗަކަށްފަހު މެޗެއްގައި މޮޅުވަމުން ކުރިއަށްދާންޖެހޭނެ. ތަށި ލިބޭނީ އެއިރުން،" ކީޕަރު އަލިސަން ބެކޭދިން ޕާހަކުން މެޗުގެ ފަހު ގޯލު ޖެހި ކުޅުންތެރިޔާ ބުންޏެވެ.

ކެޕްޓަން ޖޯޑަން ހެންޑަސަން ވެސް ބުނީ ލީގުގައި އަދި ބައިވަރު މެޗުތައް އެބަހުރި ކަމަށާއި ތަށި ލިބިއްޖެނަމަ ކަމަށް ވިސްނުނަކީ މޮލަޔަ ހިޔާލެއް ކަމަށެވެ.

މި މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު އޮލޭގަނާ ސޯލްޝަޔާ ބުނީ ލިވަޕޫލް މެޗުގައި އެންމެ ކުޑަމިނުން ޔުނައިޓެޑަސް ޕޮއިންޓެއް ހައްގު ކަމަށެވެ.

"އަހަންނަށް ހީވަނީ އަހަރުމެން ހުސްއަތާ ދާންޖެހޭ ވަރަށްވުރެ ރަނގަޅަށް ކުޅުނުހެން. އަހަރުމެން އެމީހުންނަށް ޕްރެޝަރުކުރިން. އެކަމަކު މެޗުގެ ކުރީކޮޅޫ ގޯލެއް ވަނުމަކީ ކުރިމަތިވި އުނދަގޫކަމެއް. ކުޅުމާމެދު އަހަރެން ހިތްހަމަޖެހޭ،" ކޯޗު ބުންޏެވެ.

މި މެޗުގެ ފުރަތަމަ ގޯލު ޖެހި ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކެވެ. އޭނާ މި ސީޒަނުގައި ވެސް ދައްކަމުން އަންނަ މޮޅު ކުޅުމަށް ގިނަބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ..