ޚަބަރު

ނޮދަން އޮފީސް އިމާރާތް ކުޅުދުއްފުށީ ކައުންސިލާ ޙަވާލު ކުރަން ނިންމައިފި


ނޮދަން އޮފީސް ކޮމްޕްލެކްސް އިމާރާތް ކުޅުދުއްފުށީ ކައުންސިލަށް ޙަވާލު ކުރުމަށް ސަރުކާރުން ނިންމަވައި އެކަން އެކައުންސިލަށް އަންގަވައިފިއެވެ. ހޯމް މިނިސްޓްރީގެ ދަށުގައި ހުންނަ އެ އިމާރާތަކީ ސަރުކަރުން ގާއިމުކޮށްފައި ހުންނަ ހަތަރު ބުރީގެ އިމާރާތެކެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބްދުއްލަތީފް ޙަސަން ވިދާޅުވީ ޖާގައިގެ މައްސަލައަކީ އެ ކައުންސިލަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށާއި، މިއަހަރު އިތުރު މުވައްޒަފުން ކައުންސިލަށް ނަގަން ހަމަޖެހިފައިވާކަމަށާއި މުވައްޒަފުން އިތުރު ކުރެވެން އަންނަނީވެސް ޖާގައިގެ މައްސަލަ ހައްލުކުރެވިގެން ކަމަށެވެ.

އެކަމަށް ހައްލު ހޯދުމަށް ކައުންސިލުން ކުރި މަސައްކަތުން ނޮދަން އޮފީސް އިމާރާތް އެކައުންސިލަށް ދޭން ނިންމައި، އެތަން ކައުންސިލާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ހޯމް މިނިސްޓްރީން އަންގަވާފައިވާކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ކުޅުދުއްފުށީ ކައުންސިލް އިދާރާ ހިންގަމުން އަންނަނީ ޖާގައިގެ ގޮތުން ދަތި އިމާރާތެއްގައި ކަމަށްވާތީ ކުޅުދުއްފުށީ މިރާގެ ގޮތްޕާއި، ބިޒްނަސް ސެންޓަރުގެ މަސައްކަތް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދާކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.

ނޮދަން އޮފީސް ކޮމްޕްލެކްސްގައި އުތުރުގެ ހައިކޯޓާއި ޕީޖީ އޮފީހާއި މީރާގެ ގޮތްޕަކާއި، ބިޒްނަސް ސެންޓަރާއި، އިމްގިރޭޝަން އޮފީހާއި، އައިޑީކާޑް ޔުނިޓާއި، އެލައިޑްގެ އޮފީހެއް ހުރެ އެވެ.

ކުޅުދުއްފުށީގައި ހުންނަ ނޮދަން އޮފީސް ކޮމްޕްލެކްސްގެ އިތުރަށް އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ވެސް މިފަދަ އިމާރާތެއް ހުރެއެވެ. މި ދެ އިމަރާތަކީވެސް ރައީސް މައުމޫނުގެ ވެރިކަމުގައި އިމާރާތްކޮށްފައިވާ ދެ އިމާރާތްެވެ.