ކުޅުދުއްފުށީގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވާއިދަށް ފެއްތުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށައިފިއެވެ.
 މިޕްރޮގްރާމުގައި ބައިވެރިވުމަށް އެޕޮއިންޓްމެންޓު ހެދުމުގެ ފުރުޞަތު ކުޅުދުއްފުށީ ކައުންސިލުން މިދިޔަ ހަފްތާބަންދު ތެރޭގައި ވަނީ ހުޅުވާލާފައެވެ. ރެޖިސްޓްރޭޝަން ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ޕީއެސްއެމް އަށް މަޢުލޫމާތު ދެމުން އިކޮނޮމިކް މިނިސްޓްރީގެ ލޭބަރަ އޮފިސަރ އަޙްމަދު ޝާމިލް ވިދާޅުވީ، ކުޅުދުއްފުށީގައި މިހާރު ކުރިއަށްދަނީ، އެޕޮއިންޓްމެންޓް ހައްދާފައިވާ ފަރާތްތަކުގެ އިން ޕާސަން ވެރިފިކޭޝަންއާއި، ރެޖިސްޓްރޭޝަން މަސައްކަތް ކަމަށެވެ.
މިއީ ބިދޭސީންގެ ކަންކަން ރެގިއުލޭޓް ކުރުމުގެ މަސައްކަތް ފަސޭހަ ކުރުމަށް ދަފްތަރެއް އެކުލަވާލުމަށް ކުރެވޭ ކަމެއްކަމަށް ޝާމިލް ވިދާޅުވިއެވެ. އަދި  ޙަވާލުވާނެ އެއްވެސް ފަރާތެއް ނެތް ބިދޭސީންނަށް މިޕްރޮގްރާމްގެ ތެރެއިން ކާޑެއް ދޫކުރާގޮތަށް ހަމަޖެހިފައެވެ. މީގެއިތުރަށް ވަޒީފާނެތް ބިދޭސީންނަށް ވަޒީފާ ހޯދައި ދިނުމާއި އެނބުރި ޤައުމަށް ނުދެވި ތިބި ބިދޭސީންނަށް  އެފުރުޞަތުފަހި ކޮށްދޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ، 
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި މިމަސައްކަތަށް ކޮންމެ ރަށެއްގައި އެމިނިސްޓްރީގެ ޓީމުތައް 8 ދުވަސް ހޭދަކުރާނެއެވެ. ޓީމުތައް ކުޅުދުއްފުށްޓާއި، އައްޑޫގައި މިހާރު ޙަރަކާތްތެރިވަމުން އަންނަ ކަމަށާޢި  ދެން އެންމެ އަވަހަށް ރެޖިސްޓްރޭޝަން ކުރިއަށް ގެންދަން ހަމަ ޖެހިފައިވަނީ ފުވައްމުލަކު ސިޓީގައި ކަމަށް އެމިނިސްޓްރީން މައުލޫމާތު ދެއެވެ.