ޚަބަރު

"ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމް"ގެ ހަތަރު ވަނަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


ފަތުރުވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ވިލާ ކޮލެޖް އަދި ޔުނިވަރސަލް ފައުންޑޭޝަން ގުޅިގެން ކުރިއަށްގެންދާ "ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމް"ގެ ހަތަރު ވަނަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމް"އަކީ، ޔުނިވަރސަލް ފައުންޑޭޝަންގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. ވިލާ ކޮލެޖްގެ އޮޑިޓޯރިއަމްގައި އޮތް ޙާއްސަ ރަސްމިއްޔާތެއްގައި "ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމް"ގެ ހަތަރު ވަނަ ބުރުގެ އެއްބަސްވުމުގައި ވިލާ ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ރެކްޓަރ ޑރ. އަހުމަދު އަންވަރެވެ. އަދި ޔުނިވަރސަލް ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ރައީސް އިޔާޒް ވަހީދެއެވެ.

"ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމް"ގެ ކާމިޔާބު ހަތަރު ބުރެއް ނިންމާލާފައިވާއިރު، މި ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 65 ފަރާތެއް ވަނީ ތަމްރީންކޮއްފައެވެ. ވިލާ ކޮލެޖުން މަޢުލޫމާތުދޭގޮތުގައި މިއަހަރުގެ ފުރުސަތުގެ ދަށުން 40 ބައިވެރިން ކޯސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ހަތަރު މަސްދުވަހުގެ މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުުރުސަތު މިއަންނަ މަހުގެ 22 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މާރިޗު މަހުގެ 1 ވަނަ ދުވަހުއެވެ.

ހިލޭ ކުރިއައްގެންދާ މި ޕްރޮގްރާމްގެ ބައިވެރިންނަށް ކިޔަވައިދޭނީ ފަތުރުވެރިކަމުގެ ދާއިރާގެ މުހިއްމު 3 ބައި ކަމުގައިވާ، ފްރޮންޓް އޮފީސް، ހައުސް ކީޕިން އަދި ފުޑް އެންޑް ބޭވަރޭޖް ސަރވިސަސް އެވެ.

މި ކޯހުގެ ތިއަރީ ކްލާސްތައް ވިލާކޮލެޖގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، އަމަލީ ތަމްރީނުތައް ކުރިއަށް ގެންދާނީ ޔުނިވަރސަލް ރިސޯޓްތަކުގައެވެ. ކޯހުގެ މުއްދަތުގައި މަހަކު ތިންހާސް ރުފިޔާ ކޮންމެ ބައިވެރިއަކަށް ތަމްރީނުހޯދާ ރިސޯޓުން ދޭނެކަމަށް ވިލާ ކޮލެޖުން މަޢުލޫމާތުދެއެވެ.