ޚަބަރު

ޕާކިސްތާނު ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި


ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) ވަސީމް އަކްރަމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރާތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ޕާކިސްތާނާއި ދިވެހިރާއްޖެއާއި ދެމެދުއޮތް އަޚުވަންތަ ގުޅުން ފާހަގަކުރައްވާ، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ރައީސް ވަނީ ސަފީރު ވަސީމް އަކްރަމްގެ ސަފީރުކަމުގެ ދައުރުގައި ތަޢުލީމީ، ޞިއްޙީ، އިޖްތިމާޢީ އަދި ކުޅިވަރުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވާ، ސަފީރަށާއި ޕާކިސްތާނުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެ ޤައުމުގެ ސަފީރުގެ ހައިޞިއްޔަތުން ރާއްޖޭގައި ޚިދުމަތްކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވީތީ އުފާ ކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ސަފީރުވަނީ އެކުވެރި މުސްލިމް ދެ ޤައުމުގެ ގޮތުން ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި އޮތް ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

ޕާކިސްތާނަށް ކަނޑައަޅުއްވާފައިވާ ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަޑް) ވަސީމް އަކްރަމް އެމަގާމާއި ހަވާލުވެވަޑައިގެން ސަފީރުކަމުގެ ފަތްކޮޅު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވާފައިވަނީ 2018 ވަނަ އަހަރުގެ މާޗްމަހުގެ 28 ވަނަދުވަހުއެވެ.