ޚަބަރު

ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަތޭކައަށްވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުން އަހުލުވެރިކޮށްފި


ހިމަބިހި ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތް ތަކުގައި ޑޮކްޓަރުންނާއި ނަރުހުން އެކަމަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގައި 100 އަށް ވުރެ ގިނަ ސިއްޙީ ޚިދުމަތްތެރިން ބައިވެރިވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ހިމަބިހި ފެތުރެމުން ދިޔުމާއި ގުޅޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ހާމަކޮށް އެޗްޕީއޭއިން ނެރުނު ބަޔާނުގައި، ވިދާޅުވެފައި ވަނީ އެ އޭޖެންސީން ޑޮކްޓަރުންނާއި ނަރުހުން ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރަށް އަހުލުވެރިކުރުމަށް ޙާއްސަ ޕްރޮގްރާމެއް ފަށާފައި ވާކަމަށެވެ. އެގޮތުން ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ މިދަނޑިވަޅުގައި، ޑޮކްޓަރުންނާއި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރައްވާ ނަރުހުން އެބައްޔަށް އަހުލުވެރިކޮށް، މިބަލި ޖެހިފައިވާ ކަމަށް ޝައްކުވާ މީހުން ދެނެގަންނާނެގޮތާއި އަދި އެފަރާތްތަކުގެ މަޢުލޫމާތު ރިޕޯރޓް ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތައް ބުނެދެމުންދާ ކަމަށެވެ. މިގޮތުން އެފަދަ ތަމްރީންތަކުގައި މިހާތަކަށް ސަތޭކައަށް ވުރެ ސިއްޙީ ޚިދުމަތްތެރިން ބައިވެރިވެފައި ވާކަމުގައި އެޗްޕީއޭއިން ވިދާޅުވެއެވެ.

މިހާތަނަށް މާލެއާއި ހުޅުމާލޭގައި ހުރި ހޮސްޕިޓަލްތަކާއި ބައެއް ޕްރައިވެޓް ކްލިނިކްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުންތައް ވަނީ ބާއްވާފައެވެ. މީގެއިތުރުން އަތޮޅު ހޮސްޕިޓަލްތަކަށް އަމާޒުކޮށްގެން، މިހާތަނަށް 16 އަތޮޅު ހޮސްޕިޓަލެއްގައިވެސް މިބައްދަލުވުންތައް ބާއްވާފައި ވެއެވެ. އަދި ހެލްތު ސެންޓަރުތަކުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނަށް އަމާޒުކޮށް ހުރިހާ ހެލްތު ސެންޓަރުތަކަށް ޕްރޮގްރާމްތައް މިހަފްތާ ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވަނީ ނިންމާފައެވެ.

މިހާތަނަށް 4 މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފައެވެ. ހިމަބިއްސަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެއްކަމުން، ހިމަބިހިން ސަލާމަތް ވުމަށް އަވަހަށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިމަބިހި އިތުރަށް ފެތުރެންފަށައިފިނަމަ އެކަމަށް ހެލްތު މިނިސްޓްރީ ތައްޔާރީ ޙާލަތަކަށް ގެނެސްފައިވާކަން އެ މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. ރާއްޖެއަކީ މީސްލްސް ނައްތާލެވިފައިވާ ޤައުމަކަށްވުމުން ބަލި ކުއްލިއަކަށް ފެތުރި ގިނަ ވުމުގެ ފުރުސަތު ކުޑަނަމަވެސް ބަލީގެ ބާވަތުން ހަލުވިކަމާއެކު ހިމަބިހި ފެތުރިދާނެކަމަށްޓަކައި މިނިސްޓްރީން ވަނީ ޚާއްސަ ފިޔަވަޅުތައް އަޅަން ފަށާފައެވެ.

ރާއްޖެއަކީ ހިމަބިހި މުޅިން ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ޑަބްލިއު އެޗްއޯއިން ކަނޑައަޅާފައި ވަނީ 2017ވަނަ އަހަރުއެވެ. މި ބަލި ނައްތާލުމަށް މުޅި ރާއްޖެ ހިމެނޭހެން އެމްއާރް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއްވެސް ހެލްތް މިނިސްޓްރީއިން ކުރިއަށް ގެންގޮސްފައި ވެއެވެ.