ޚަބަރު

ހަފްތާއެއްގެތެރޭގައި ލޮލުގެ ސެންޓަރުން ހާހަކަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދައިފި


ހުޅުމާލޭ ހޮސްޕިޓަލުގައި ތަރައްޤީކޮށްފައިވާ ލޮލުގެ ފަރުވާދޭ ސެންޓަރުން ހަފްތާއެއްގެ ތެރޭގައި 1000 ވުރެ ގިނަ މީހުން ޚިދުމަތް ހޯދައިފިއެވެ.

އެ ކްލިނިކުން ލޮލުގެ އެކިބަލިތަކާއި ގުޅޭ ސާޖަރީތައްވެސް ހެދޭއިރު، ހުޅުމާލެ ހޮސްޕިޓަލުން ބުނީ، އެސެންޓަރުންދޭ ހުރިހާ ޚިދުމަތަކީވެސް އާސަންދައިގެ ދަށުން ހޯދޭނެ ޚިދުމަތްތަކެކެވެ.

ލޮލުގެ ބަލިތަކުގެ ފަރުވާއަށް ޚާއްސަކޮށްގެން ހުޅުމާލޭ ހޮސްޕިޓަލްގައި "ޑރ.އެންޑީ ޢަބްދުލްﷲ ޢަބްދުލްޙަކީމް އޮފްތަލްމޮލޮޖީ ސެންޓަރު"ގެ ނަމުގައި ސެންޓަރެއް ހުޅުވާފައި ވަނީ މިމަހުގެ 13ވަނަ ދުވަހުއެވެ. ލޮލުގެ ފަރުވާދޭ މި ސެންޓަރު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވަނީ އެ ސެންޓަރު ހުޅުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 1097 މީހުން ޑޮކްޓަރަށް ދައްކާފައިވާކަމަށެވެ. އަދި މިހާތަނަށް 89މީހެއްގެ ލޮލުގެ އެކި ކަހަލަ ސަރޖަރީތައް ހަދާފައިވާކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވަނީ މިހާރުވެސް ގިނަ ބަޔަކު ހުޅުމާލޭ ހޮސްޕިޓަލްގައި ހުންނަ ލޮލުގެ ސެންޓަރަށް ދެއްކުމަށް ނަން ނޯޓްކޮށްފައި ވާކަމަށެވެ. އެގޮތުން 1070 މީހުން މިހާރުވެސް ޑޮކްޓަރަށް ދެއްކުމަށް ވެއިޓިންގ ލިސްޓުގައި އެބަތިއްބެވެ.

މި ސެންޓަރު ޚިދުމަތް އެވަރެޖްކޮށް ދުވާލެއްގެ މައްޗައް 150 މީހުން ހޯދަމުންދެއެވެ.

ހުޅުމާލޭގައި އަލަށް ހުޅުވި މި ސެންޓަރަކީ ޗައިނާ ސަރުކާރުގެ އެހީގައި ހުޅުވި ކްލިނިކެކެވެ. މި ކްލިނިކްގައި ޗައިނާގެ 5 ޑޮކްޓަރުންނާއި އަދި މިސްރުގެ ޑޮކްޓަރަކު ދަނީ ޚިދުމަތްދެމުންނެވެ.

ހުޅުމާލޭގައި ޗައިނާ ސަރުކާރުގެ އެހީގައި ހެދި މި ސެންޓަރާއި، އަދި މި ސެންޓަރުގައި މަސައްކަތްކުރާ މީހުން ތަމްރީނު ކުރުމާއި، ލޮލުގެ ފަރުވާގެ ކޭމްޕްތައް ހިންގުމަށް 1.1 ބިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މި ސެންޓަރުންގެ ޚިދުމަތްތައް ކޭމްޕްތަކުގެ ގޮތުގައި މުޅި ރާއްޖެއަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ސެންޓަރު 2019ވަނަ އަހަރުގެ ޖުލައި މަހު ހެލްތް މިނިސްޓްރީ އާއި ޗައިނާގެ ހެލްތް ކޮމިޝަނާއިއެކު ވެފައިވާ އެއްބަސްވުމުގެދަށުން ހުޅުވުނު ސެންޓަރެކެވެ.