ޚަބަރު

ރަޝިއާގެ ސިޔާސީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ފަހަތުގައި އޮތީ ކޮންކަމެއް؟


ރަޝިއާގެ ވެރިކަމުގެ ނިޒާމަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައީސް ވްލަޑިމީރް ޕުޓިންވަނީ ހުށަހަޅުއްވާފައެވެ. ޕުޓިންގެ ހުށަހެޅުއްވުމުގައި ރަޝިއާގެ ރިޔާސަތަށް މިހާރު ލިބިފައިވާ ބާރުތަކަށްވުރެ ބޮޑެތި ބާރުތަކެއް ޤާނޫނު ހަދާ މަޖިލީހުގެ ދަށުގެއަށް ދިނުމާއި މާބޮޑު ބާރެއް ލިބިފައިނުވާ ރަޝިއާގެ ސްޓޭޓް ކައުންސިލަށް ބޮޑެތި ބާރުތަކެއް ދިނުންވެސް ހިމެނެއެވެ.

ރަޝިއާގެ ސިޔާސީ ނިޒާމު މިހާރު އޮންނަ ގޮތުން ބޮޑުވަޒީރާއި ކެބިނެޓް އައްޔަންކުރުމަކީ ރައީސަށް ލިބިފައިވާ ރިޔާސީ އިޚްތިސާސްތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ޤާނޫނު ހަދާ މަޖިލީހުގެ ދަށުގެއަށް އޮންނަ ހަމައެކަނި ބާރަކީ ބޮޑުވަޒީރަށާއި ކެބިނެޓަށް ރުހުން ދިނުމެވެ. ނަމަވެސް، ޕުޓިން ހުށަހެޅުއްވި އިސްލާޙުތަކުގެ ތެރޭގައި ބޮޑުވަޒީރާއި ކެބިނެޓް އައްޔަންކުރުން ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ މަސްޢޫލިއްޔަތެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ.

އެއިސްލާޙު ފާސްކޮށް އެއަށް ރައްޔިތުންގެ ރުހުން ލިބިއްޖެނަމަ ރަޝިއާގެ ރިޔާސަތުގެ ބާރުތައް ވަރަށް ބޮޑަށް ހަނިވުމުގެ އިތުރުން ރިޔާސަތަށް ލިބިފައިވާ ގިނަ ބާރުތަކެއް ޤާނޫނު ހަދާ މަޖިލިހާއި އެނޫންވެސް މުވައްސަސާތަކާ ހަވާލުކުރެވިގެންދާނެއެވެ. އަދި ބޮޑުވަޒީރަށްވެސް ބޮޑެތި ބާރުތަކެއް ލިބިގެންދާނެއެވެ.

ޕުޓިންގެ ވެރިކަމުގެ ދައުރު ނިމެން ހަތަރު އަހަރަށް ވެފައިވަނިކޮށް މިފަދަ އިސްލާހުތަކެއް ހުށަހެޅުއްވީ ވެރިކަމުން ދުރުވެވަޑައިގަތުމަށްފަހުވެސް އެޤައުމުގެ ސިޔާސީ ނިޒާމަށް ބާރާއި ނުފޫޒު ފޯރުވޭނެ ދުސްތޫރީ މާޙައުލެއް ޤާއިމުކުރެއްވުމުގެ ބޭނުމުގައިކަމަށް ގިނަ ބަޔަކު ދެކެއެވެ. ޕުޓިންގެ އިސްލާޙުތައް ހުށަހެޅުއްވިތާ ގިނައިރުތަކެއް ނުވަނީސް ބޮޑުވަޒީރު ޑިމިތްރީ މެދްވެދޭވްވަނީ ބަދަލުތަކަށް ފުރުޞަތުދެއްވުމަށްކަމަށް ވިދާޅުވެ އިސްތިޢުފާދެއްވާފައެވެ. މެދްވެދޭވްގެ ބަދަލުގައި ބޮޑުވަޒީރުގެ މަޤާމަށް ޕުޓިން ހަމަޖެއްސެވީ ސިޔާސީގޮތުން މާބޮޑު ތަޖުރިބާއެއް އަދި ބުރަދަނެއް ނެތް ކުރީގެ މާލީ އިދާރާގެ އިސްވެރިޔާގެ ދައުރުއަދާކުރެއްވި މިޚައިލް މިޝުޓިންނެވެ.

މިހާރު ކުރިއަށްދަނީ ޕުޓިންގެ ރިޔާސީ ހަތަރުވަނަ ދައުރެވެ. ޕުޓިންގެ ރިޔާސީ ދައުރު ހަމަވާނީ 2024ގައެވެ. ކުރިން ޖެހިޖެހިގެން ދެ ދައުރު ރައީސްކަން ކުރެއްވުމަށްފަހު 2008ން 2012ވަނައަހަރަށް ޕުޓިންވަނީ ބޮޑުވަޒީރުކަންކުރައްވާފައެވެ. އެއަށްފަހު، 6 އަހަރުގެ ރިޔާސީ އެއްދައުރު ފުރިހަމަ ކުރެއްވުމަށްފަހު މިހާރުވަނީ ރިޔާސީ އިތުރު ދައުރެއްގެ 6 އަހަރުގެ ތެރެއިން 2 އަހަރު ފުރިހަމަ ކުރައްވާފައެވެ.

ރަޝިއާގެ ޤާނޫނު އަސާސީ ބުނާގޮތުގައި އެޤައުމުގައި ޖެހިޖެހިގެން ރައީސްކަންކުރެއްވޭނީ ދެދައުރެވެ. ނަމަވެސް، މެދަށް މަދުވެގެން އެއްދައުރު ދޫކުރުމަށްފަހު، އަނެއްކާވެސް ރައީސްކަމަށް އާދެވިދާނެއެވެ. ޕުޓިން އަމަލުކުރައްވަނީ އެގޮތަށެވެ.

ޕުޓިން ހުށަހެޅުއްވި އިސްލާހުގައި ޖެހިޖެހިގެންވެސް އަދި އެނޫންގޮތަކަށްވެސް އަދާކުރެވޭނީ ދެދައުރުކަމަށް ބުނެފައިވެއެވެ. އެހެންކަމުން، އިތުރު ދައުރަކަށް އުމުރުން 67 އަހަރުގެ ޕުޓިން ކުރިމަތިނުލައްވާނެކަން މިހާރުވަނީ ކަށަވަރުވެފައެވެ. ނަމަވެސް، ކުރިއަށްއޮތްތަނުގައި ބޮޑެތި ބާރުތަކެއް ލިބިގެންދާނެ ބޮޑުވަޒީރުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ޕުޓިންނަށް އެބައޮތެވެ.

ޕުޓިންގެ އިސްލާހީ ހުށަހެޅުއްވުމުގައި ދެން އެންމެ ފާހަގަކުރެވޭކަމަކީ ސްޓޭޓް ކައުންސިލަށް ބޮޑެތި ބާރުތަކެއް ދިނުމެވެ. ރަޝިއާގެ ޕްރޮވިންސްތަކާއި ސަރަޙައްދުތަކުގެ ރައީސުންގެ މައްޗަށް އެކުލެވޭ ސްޓޭޓް ކައުންސިލަކީ ރައީސަށް ލަފައާއި މަޝްވަރާ ހުށަހަޅާ މަޖިލީހެކެވެ. ނަމަވެސް، ޕުޓިންވަނީ ޕްރޮވިންސްތަކާއި ސަރަޙައްދުތަކުގެ ރައީސުންގެ މައްޗަށް އިއްތިޙަދީ ފެންވަރުގައި ތަންފީޒީ އަމުރުތަކެއް ނެރުމުގެ ބާރު އެމަޖިލިހަށް ދިނުމަށް ހުށަހަޅުއްވާފައެވެ. އެހެންކަމުން 2024ގައި ރަޝިއާގެ ރިޔާސަތުން ވަކިވެވަޑައިގަތުމަށްފަހު ބޮޑުވަޒީރުކަމަށް ވަޑައިނުގަންނަވާނަމަ، ބާރުގަދަ ޝަޚްސިއްޔަތެއްގެ ގޮތުގައި ރަޝިއާގެ ސްޓޭޓް ކައުންސިލްގެ ރައީސްކަމަށް ޕުޓީން ވަޑައިގަތުމަކީވެސް އެކަށީގެންވާ ކަމެކެވެ.