ޔަމަނުގައި ކުރަމުންދާ ދާޚިލީ ހަނގުރާމައިގެ އިތުރު ބާބެއްވަނީ މިހާރު ހުޅުވިފައެވެ. ހަނގުރާމައިގެ ދެ ފަރާތުގެ ދެމެދުގައި މިހާރުވަނީ އެޤައުމުގައި ބޭނުން ކުރާނެ ފައިސާގެ ނޫޓަކާމެދު ދެބަސްވުންތަކެއް އުފެދިފައެވެ.
2014ވަނަ އަހަރު ޔަމަނުގައި ދާޚިލީ ހަނގުރާމައެއް ފެށުމުގެ ކުރިންވެސް އެޤައުމަކީ ޢަރަބި ދުނިޔޭގެ އެންމެ ފަޤީރު ޤައުމެވެ. ޔަމަނުންވަނީ އަވަށްޓެރި ޤައުމުތަކުން ލިބޭ މާލީ އެހީއާއި ބައިނަލްއަޤްވާމީ އިދާރާކުން ދޭ ލޯނުތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައެވެ.
އިދިކޮޅު ހޫޘީ ޖަމާޢަތުގެ ބާރުގެ ދަށަށް އެޤައުމުގެ ވެރިރަށް ސަންޣާ ގެނައުމުން ފެށުނު ދާޚިލީ ހަނގުރާމައިގެ ސަބަބުން އެޤައުމުގެ އިޤްތިޞާދުވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ. ސަންޣާއާއި އެރަށާއި ކައިރި ހިސާބުތަކުގައި މިހާރު އޮތީ ޙޫޘީންގެ ވެރިކަމެވެ. އަދި ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ އެޤައުމުގެ ސަރުކާރު މިހާރު ހިންގަމުންދަނީ ދެކުނުގެ ރަށެއްކަމަށްވާ ޢަދަނުގައެވެ.
ޔަމަނުގައި ހިނގާ ކުރިމަތިލުންތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ނަމަވެސް އެޤައުމުގެ އިޤްތިޞާދަށް ކުރިމަތިވަމުންދަނީ އިތުރު ގޮންޖެހުންތަކެކެވެ. ޢަދަނުގެ ސަރުކާރުންވަނީ އެޤައުމުގައި ބޭނުންކުރާ ފައިސާގެ ނޫޓަށް އިސްލާހުތަކެއް ގެނެސް އިލެކްޓޯނިކް ސިފަތަކެއް އެކުލެވޭ ޒަމާނީ ނޫޓެއް ތަޢާރަފްކޮށްފައެވެ. ޔަމަނުގެ މަރުކަޒީ ބެންކު ހުންނަނީ ހޫޘީންގެ ބާރުގެ ދަށުގައި އޮންނަ ސަންޣާގައިކަމަށްވިނަމަވެސް ފައިސާ ޗާޕުކުރާ މެޝިންތައް ހުންނަނީ ޢަދަނުގައެވެ. އެހެންކަމުން، 2017ވަނަ އަހަރުން ފެށިގެން ޢަދަނުގެ ސަރުކާރުންދަނީ އައު ފައިސާގެ ނޫޓުތައް ޗާޕުކުރަމުންނެވެ. ހޫޘީ ޖަމާޢަތުންވަނީ އައު ފައިސާގެ ނޫޓުތައް ބޭނުންކުރުން މަނާކޮށްފައެވެ. އެ ޖަމާޢަތުން ބުނެފައިވަނީ އައު ފައިސާގެ ނޫޓު ބޭނުންނުކުރަން ނިންމީ އިންފްލޭޝަން މައްސަލަ ޙައްލުކުރަންކަމަށާއި ޢަދަނުގެ ސަރުކާރުން އެނޫޓުތައް ޗާޕުކޮށްފައިވަނީ އެއްވެސް ހައްދެއްނެތިކަމަށެވެ.
ހޫޘީންގެ ނިންމުމުގެ ސަބަބުން ސަންޣާ ހިމެނޭ ސަރަޙައްދުގައި އުޅޭ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުން ޢަދަނުގެ ސަރުކާރުންވަނީ ހުއްޓާލައިފައެވެ. މީގެ އިތުރުން، އެޤައުމުގައި އެކިކަހަލަ ޚިދުމަތްތައް ދޭ ފަރާތްތަކުންވެސް މިހާރު ޤަބޫލުކުރަނީ އައު ފައިސާގެ ނޫޓުތަކެވެ. އެކަމުގެ ސަބަބުން ހޫޘީންގެ ބާރު ހިނގާ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރުވަނީ އިތުރު ތަކުލީފުތަކެއް އުފުލަންޖެހިފައެވެ.