ސިޔާސީ

ކުރީގެ މިނިސްޓަރ އަބްދުﷲ ހަމީދަށް އޭޑީކޭގައި ފަރުވާދެނީ


 ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ  އަދި ކުރީގެ މިނިސްޓަރ އަބްދުﷲ ހަމީދަށް މައިނަރ ސްޓްރޯކެއް ޖެހިވަޑައިގެން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެއްވަން ފަށްޓަވައިފިއެވެ.ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން ޢަބްދުﷲ ޙަމީދުގެ ދަރިކަލުން މައުމޫން ހަމީދު ވިދާޅުވީ ބައްޕާފުޅަށް ސްޓްރޯކެއް ޖެހިވަޑައިގެން އޭޑީކޭގައި ފަރުވާ ދެއްވަން ފަށްޓަވާފައިވަނީ މީގެ ދެ ދުވަސްކުރިންކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށްވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ކޮއްކޯފުޅު އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ބޭބޭފުޅު އަބްދުﷲ ހަމީދަކީ ސަރުކާރުގެ އިސް ގިނަ މަގާމަތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން ރައީސް މައުމޫންގެ  ސަރުކާރުގެ އިތުރުން ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގައިވެސް މުހިއްމު މަގާމްތަކެއް އަބްދުﷲ ހަމީދު ފުރުއްވާފައިވެއެވެ.މިހާރު އުމުރުންފުޅުން 76 އަހަރުގެ އަބްދުﷲ ހަމީދު ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި އެޓޯލްސް މިނިސްޓަރުކަމާއި އެޑިއުކޭޝަން މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ހިމެނެއެވެ.އަބްދުﷲ ހަމީދުގެ ހާލުކޮޅު ބައްލަވާލެއްވުމަށް އިއްޔެގެ ވަގުތެއްގައި ރައީސް ޔާމީނާއި ރައީސް މައުމޫންވެސް އޭޑީކޭއަށް ޒިޔާރަތްކުރައްވާފައިވެއެވެ.2008 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަން ބަދަލުވި ހިސާބުން އަބްދުﷲ ހަމީދުގެ ދިރިއުޅުއްވުން ސްރީލަންކާއަށް ބަދަލުކުރެއްވުމަށްފަހު، އޭގެފަހުން ރާއްޖެވަޑައިގެންފައިވަނީ 2013 ވަނައަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ.