ކުޅުދުއްފުށި ސިޓީގައި ސްވިމިންގ ޕްލެޓްފޯމް އެޅުމުގެ މަސައްކަތް ފަށައިފިއެވެ. ސަރުކާރުން ކުޅުދުއްފުށީ ސިޓީގައި ގާއިމުކުރާ ސްވިމިންގ ޓްރެކްގެ މަސައްކަތް ކުރިއަށް ދަނީ ސަރުކާރާ އެރަށުކައުންސިލުން ޚަރަދު ކޮށްގެން ކަމަށް އެކައުންސިލުން މަޢުލޫމާތު ދެއެވެ.
ކުޅުދުއްފުށީ ސިޓީގައި ޤާއިމްކުރަނީ ދިގު 25 މީޓަރ އަދި 20 މީޓަރުގެ ފުޅާ ޓްރެކް އެކެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ މި ސްވިމިން ޓްރެކް ޤާއިމްކުރުމަށް ޓްރެކްގެ ޕްލެޓްފޯމް ހަދާ ސާމާނު ސަރުކާރުން ހަދިޔާ ކޮށްފައިވާ ކަމަށާއި އެމަސައްކަތަށް ކުރަންޖެހޭ އެހެން ހުރިހާ ހަރަދެއް ކުރަމުން ދަނީ ކައުންސިލުންކަމަށެވެ. މީގެތެރޭގައި މިޕްލެޓްފޯމް ހަރުކުރަން ބޭނުންވާ ކޮންކްރީޓް ބްލޮކްސް އެޅުމާއި، ލައިޓް ހަރުކުރުމާއި ފެންވެރޭނެ އިންތިޒާމް ހަމަޖެއްސުމާ ރޮސްޓްރޮމް އެއް ހެދުމުގެ މަސައްކަތް ކުރުމުންދަނީ ކައުންސިލް ބަޖެޓުން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މި ސްވިމިން ޓްރެކެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދަނީ ސުވިމިންގ އެސޯސިއޭޝަންގެ ލަފާގެ މަތިންނެވެ.
ކައުންސިލުން މިމަސައްކަތް ކުރަމުންދަނީ އެ ކައުންސިލަށް މިއަހަރަށް ލިބިފައިވާ އާޓިފިޝަލް ބީޗް އިތުރަށް ތަރައްޤީ ކުރުމަށް ޙަވާލު ކުރެވިފައިވާ ފައިސާގެ ތެރޭގައި ހިމަނައިގެން ކަންވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ސްވިމިން ޓްރެކް ރޭވުމުގެ މަސައްކަތަށް ކުޅުދުއްފުށީގެ ގިނަ ޒުވާނުންތަކެއްގެ އެހީތެރިކަން ލިބެމުން އަންނަކަމަށާއި، މިމަސައްކަތުގައި ކުޅުދުއްފުށީ ޕަބްލިކް ވޯރކްސްގެ ގިނަ މުވައްޒަފުން ތަކެއްވެސް ހަރަކާތްތެރި ވަމުން އަންނަ ކަމަށްވެސް އެކައުންސިލުން ބުނެއެވެ.