ޚަބަރު

ތުއްތުކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ދިރާސާކޮށް މަޖިލީހުގެ ކޮމިޓީން މިއަދު ގޮތެއް ނިންމަނީ


ދެ އަހަރުނުވާ ތުއްތުކުއްޖާއަށް ޖިންސީ އަނިޔާކުރި މައްސަލަ ދިރާސާކޮށް މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ނިންމަވާ ނިންމެވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ތަންފީޛު ކުރައްވާނެކަމަށް މަޖިލީހުގެ އިދާރާއިން ހާމަކުރައްވައިފިއެވެ.

ދެކުނުގެ ރަށެއްގައި ދެ އަހަރުވެސް ނުވާ ތުއްތުކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންދަނީ ދިރާސާކުރަމުންނެވެ. އެގޮތުން މިމައްސަލައާއި ގުޅިގެން އެކޮމިޓީގެ ދެ ބައްދަލުވުމެއް ބާވާފައިވާއިރު، މިއަދު މެންދުރުފަހު 14:00 ގަވެސް އެކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރޭ ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައި ވަނީ ޖިންސީ އަނިޔާކުރި މައްސަލައާއި ގުޅިގެން ޖެންޑަރ މިނިސްޓްރީއާއި ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުގެ އިސްބައެއް ފަރާތްތައް ހާޒިރުކޮށް އެ މައްސަލައާ ގުޅޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

މިއަދު ބާއްވާ 3 ވަނަ ބައްދަލުވުމުގައި މި މައްސަލަ ދިރާސާކުރެއްވުމަށްފަހު ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ގޮތެއް ނިންމަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ.