ވިޔަފާރި

މިއަހަރުގެ ބިޒްނަސް އެކްސްޕޯގައި 80 ފަރާތަކުން ބައިވެރިވެއްޖެ


މިއަހަރުގެ ބިޒްނަސް އެކްސްޕޯގައި 80 ފަރާތަކުން ބައިވެރިވެފައިވާކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެފިއެވެ.

މި އެކްސްޕޯގައި ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ 3000 ފަރާތުން ބައިވެރިވެ، 150 އެގްޒިބިޓަރުން އެކްސްޕޯއަށް ޒިޔާރަތްކުރާނެކަމަށް އިވެންޓް އިންތިޒާމްކުރާ އޯރކާ މީޑިއާ ގުރޫޕުން ބުނެއެވެ.

މި އަހަރުގެ ބިޒްނަސް އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 23 އިން 24 އަށެވެ.

މި އެކްސްޕޯއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން، މިވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާއި ގުޅުން ބަދަހިކުރެވި، ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކާލުމުގެ ފުރުޞަތު ހުޅުވާލުމަށްޓަކައި ބާއްވާ ޙަރަކާތެކެވެ. މި އެކްސްޕޯ އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ.

މިދިޔަ އަހަރުގެ އެކްސްޕޯއަށް 2000 އަށްވުރެ ގިނަ މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. ސެޕްޓެމްބަރ މަހުގެ 29 އިން 30 އަށް ކުރިއަށްދިޔަ ބިޒްނަސް އެކްސްޕޯގެ ފުރަތަމަ އެޑިޝަންގައި 4 ސަމިޓެއް ވަނީ ބާއްވާފައެވެ. އެއީ މޯލްޑިވްސް ޔަންގް އެންޓަރޕްރެނުއަރސް ސަމިޓް، މޯލްޑިވްސް ވުމަން އެންޓަރޕްރެނުއަރސް ސަމިޓް، މޯލްޑިވްސް ޓެކް ސަމިޓް އަދި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ސަމިޓެވެ.