ދަރަނީގެ ގޮތުގައި ނަގާފައިވާ ލޯނުތަކުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އޮފިޑް ފަންޑުން ރާއްޖެއަށް ދިން 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ ވިދާޅުވީ އޮފިޑް ފަންޑުން ނަގާފައިވާ ލޯނަކީ މިއަހަރުގެ ބަޖެޓުގައި ހިމެނޭ ލޯނެއްކަމަށެވެ. އެހެންކަމުން، މިއަހަރަށް ދަރަނި ލަފާކޮށްފައިވަނީ މި ލޯނު ހިމަނައިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދަރަނި ކޮންޓްރޯލްކުރުމުގައި ބަލާ އުސޫލަކީ ބޮލަކަށް ޖެހޭ އާމްދަނީ ނުވަތަ ޖީޑިޕީ އަބަދުވެސް ދަރަންޏަށް ވުރެ މަތިވުންކަމަށެވެ.
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ މިންގަނޑާއި ދިވެހި ދައުލަތުގެ ޚަރަދުތަކާއި ބެހޭ ޤާނޫނުގައިވާ ގޮތުން ރާއްޖޭގެ ދަރަނީގެ ނިސްބަތް ހުންނަން ޖެހޭނީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން %60 ވުރެ ދަށުގައެވެ. އެހެންކަމުން މިހާރު ރާއްޖޭގެ ޖީޑީޕީ ހުރި މިންވަރާއި އަޅާބަލާއިރު ދަރަނިން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
" ދަރަނީގެ މިންވަރު ބޮލަކަށް ޖެހޭ އާމްދަނީއަށް ވުރެ ދަށްނަމަ އަޅުގަނޑުމެންނަށް ދަރަނި ދެއްކުމުގެ ފުރިހަމަ ޤާބިލުކަން އެބައޮތް. މިއީ އަޅުގަނޑުމެންގެ ސްޓްރެޓެޖީއަކީ ވެސް. އެހެންވީމަ، މިވަގުތަކަށް ދަރަނި ޑިފޯލްޓްވުމުގެ އެއްވެސް ނުރައްކަލެއް ނެތް." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ ފާއިތުވި އެއް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައިވާކަމަށެވެ. މިއާއެކު މިއަހަރު ރާއްޖޭގެ އިޤްތިސާދު %7.5 އަށް ކުރިއަރާނެކަމަށް ބެލެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދާދިފަހުން ރާއްޖެ ވަޑައިގެންނެވި އޯޕެކް ފަންޑުގެ ޑިރެކްޓަރ ޖެނަރަލް ޑރ. އަބްދުލް ހާމިދް އަލް ޚަލީފާވެސް ވިދާޅުވެފައިވަނީ ރާއްޖެއަކީ އެއްވެސް މައްސަލަނުޖެހި އަހަރުން އަހަރަށް ލޯނުތައް ދައްކާ ޤައުމެއްކަަމަށެވެ.
ރާއްޖޭގެ އިޤްތިސާދު ކުރިއެރުވައި އުމްރާނީ ބޮޑެތި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ޒަމާނުއްސުރެ ރާއްޖެއިން އަންނަނީ ބޭރުގެ ލޯނުތަކުގެ ބޭނުން ހިފަމުންނެވެ. އެހެންނަމަވެސް ލޯނުތައް ގިނަވެ ޢަދަދުތައް ބޮޑުވެ މިހާރު ދައުލަތުގެ ދަރަނި ވަނީ 52 ބިލިއަން ރުފިޔާއަށް އަރާފައެވެ.
2019 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ޖިޑީޕީ ހުރީ %5.7 ގައެވެ. މިއަހަރު ނިމޭއިރު ބޮލަކަށް ޖެހޭ އާމްދަނީ %1.8 އަށް ކުރިއަރާނެކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ލަފާކުރެއެވެ. އަހަރަކަށް ވުރެ އަހަރެއް ރާއްޖޭގެ ދަރަނި ބޮޑުވަމުންދާއިރު އައިއެމްއެފް އަދި ވޯލްޑް ބޭންކުން ދަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.