ޚަބަރު

ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ބައްޕަގެ ބަންދުގެ މުއްދަތަށް 15 ދުވަސް އިތުރުކޮށްފި


ދެކުނުގެ ރަށެއްގައި ޖިންސީ އަނިޔާލިބުނު ދެއަހަރު ނުވާ ތުއްތުކުއްޖާގެ ބައްޕަގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ.

ފުލުހުން ވިދާޅުވީ އެކުއްޖާގެ 33 އަހަރުގެ ބައްޕަ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ ކަންކަމުގައި އިހުމާލުވުމާ ގުޅިގެންކަމަށެވެ. މިމައްސަލާގައި އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ 108 ނަންބަރު ފްލެޓްގެ އެޕާޓްމަންޓެއްގައި ހުއްޓައެވެ. މިމައްސަލާގައި އެތުއްތު ކުއްޖާގެ ބައްޕަގެ އިތުރުން ކާފައާއި މުނިކާފަވެސް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައެވެ. އެކުއްޖާއަށް ޖިންސީގޯނާކުރި މައްސަލައާއި އިއުމާލުވި މައްސަލަ ފުލުހުންދަނީ ޚާއްސަ ޓީމެއް އެކުލަވައިގެން އެމައްސަލަ ދިމާވި ރަށާއި، މާލޭގައި ޚާއްސަޓީމަކުން ބަލަމުންނެވެ.

މީގެއިތުރުން ފުލުހުން މިއަދުވަނީ ތުއްތު ކުއްޖާގެ ބައްޕަ ހުޅުމާލެއިން ހައްޔަރުކުރި ފްލެޓް ކައިރީ ހުކުރުދުވަހު ހިނގި ހަމަނުޖެހުމުގައި އެއްވުން ކޮންޓްރޯލްކުރުމަށް ފުލުހުން ބާރުގެ ބޭނުންކުރުމުގެ ތެރޭގައި އަންހެނެއްގެ ނޭފަތް ފަޅައިގެން ގޮސްފައިވާ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހްޤީގުކުރަން ފަށާފައިވާކަން ހާމަކުރައްވާފައެވެ.

އަދި ފުލުހުން ބާރުގެބޭނުންކުރާ ހާލަތްތަކުގައި ބާރުގެ ބޭނުންކުރެވުނު ގޮތް ރިވިއުކުރުމަށް އެކުލަވާލާފައިވާ "ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން" މިފަދަ ކޮންމެ ހާދިސާއެއް ރިވިއުކުރާ ފަދައިން އެކޮމިޓީން އެހާދިސާވެސް ރިވިއު ކުރަންމުންދާކަމަށް ފުލުހުން މައުލޫމާތުދެއްވިއެވެ.