ޚަބަރު

ތުއްތުކުއްޖާއަށް ލިބުނު ޖިންސީ އަނިޔާ - މުއައްސަސާތައް ގުޅިގެން މަސައްކަތްނުކުރާކަމުގެ ހެއްކެތް


ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުން މުޖުތަމަޢަށް ދޫވެފައިވާކަން އެނގޭނަމަ ކަމާބޭހޭ މުއައްސަސާތަކުން އެކަމަށް އަޅަންޖެހޭ ފިޔަވަޅުއަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އެދިއްޖެއެވެ.

ދެކުނުގެ ރަށެއްގައި 2 އަހަރުވެސް ނުފުރޭ ތުއްތުކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައާއި ގުޅިގެން ޖެންޑަރ މިނިސްޓްރީއާއި ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުގެ އިސްބައެއް ފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރުކޮށް އެ މައްސަލައާ ގުޅޭ މައުލޫމާތު ވަނީ އޮޅުންފިލުއްވާފައެވެ.

ދެގަޑިއިރަށް ދެމިގެންދިޔަ މި ކޮމިޓީގައި މެންބަރުން ވަނީ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝާރީފާއި ފުލުހުންގެ އިދާރާގެ އިސް ބޭފުޅުންގެ އިތުރުން ޕީޖީ އޮފީހުގެ ފަރާތުން މިމައްސަލަ ދިމާވުމުގެ ކުރިން ތުއްތުކުއްޖާއަށް ރައްކާތެރިކަން ނުދެވުނު ސަބަބާމެދު ސުވާލު އުފައްދަވާފައެވެ. މިއާއެކު 3 އިދާރާއިންވެސް ވަނީ މިކަމުގައި ބަލަންވާވަރަށް ނުބެލިހުރި މައްސަލަތަކެއް ހުރިކަން ޤަބޫލުކުރާކަމަށް އެއްބަސްވެފައެވެ.

ނަމަވެސް ޖެންޑަރ މިނިސްޓްރީއާއި ފުލުހުންވެސް ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ތުއްތުކުއްޖާ އުޅެމުންދިޔަ މާހައުލަކީ ނުރައްކާތެރި މާހައުލެއްކަން އެއްވެސް ފަރާތަކުން އެ ދެއިދާރާގެ ސަމާލުކަމަށް ގެނެސްފައިނުވާކަން ފާހަގަކުރައްވާފައެވެ.

ކޮމެޓީގެ މެންބަރުންވަނީ ތުއްތުކުއްޖާއަށް ޖިންސީ އަނިޔާކުރި މުނިކާފަގެ މައްސަލައެއް މީގެ ކުރިން ބަލައި ތަހްޤީގުކޮށް ޝަރުޢީ މަރުހަލާގައި ވާކަމާއި، އަނިޔާވި ތުއްތުކުއްޖާގެ މައިންބަފައިންނަކީ މަސްތުވާތަކެތީގެ މައްސަލައިގެ ރެކޯޑް އޮތް ދެމީހުންކަމަށް ފާހަގަވިއިރު، ތުއްތުކުއްޖާގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުނުކުރެވުނީ ކީއްވެތޯވެސް ސުވާލު އުފައްދަވާފައެވެ. ޖެންޑަރ މިނިސްޓްރީއާއި ފުލުހުންވަނީ އެދެއިދާރާގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ދަތިތަކެއް ހުރިކަން ފާހަގަކޮށް އެކަންކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ވިދާޅުވެފައެވެ.

ކޮމިޓީގައިވަނީ މިމައްސަލަ ހިނގި ރަށުގެ ކައުންސިލްގެ ރައީސާއިވެސް ފޯނުން ގުޅުއްވައި މައުލޫމާތު ހޯއްދަވާފައެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ތުއްތުކުއްޖާއަށް އެފަދަކަމެއް ދިމާވިކަން އެނގުނީ މިމަހުގެ 16 ވަނަ ދުވަހުކަމަށާއި، އޭގެކުރިން އެކައުންސިލަށް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައި ނުވާކަމަށެވެ. އަދި އެރަށުގައި ޕޮލިސް ސްޓޭޝަނެއް ނެތްކަން ފާހަގަކުރައްވައި އޭގެ ސަބަބުން ދަތިތަކެއް ހުރިކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ބައްދަލުވުން ނިންމަވާލައްވަމުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރު ޖީހާން މަޙްމޫދު ވިދާޅުވީ، އެކޮމިޓީއާއި ގުޅުންހުރި އިދާރާތަކަށް ދީފައިވަނީ އެކަށީގެންވާ ބަޖެޓުތޯ ބަލައި ބަޖެޓުގެ ދަތިކަންހުރިތޯ ބެލުމަށް ސިޓީއަކުން އެދުނު ނަމަވެސް ފުލުހުން ފިޔަވައި އެހެން ފަރާތަކުން ސިޓީއަށް ޖަވާބުދީފައި ނުވާކަމަށެވެ. ޖީހާން ވިދާޅުވީ ކޮމެޓީއަށް ލިބުނު މައުލޫމާތުތަކުން ގުޅުންހުރި މުއައްސަސާތަކުން ކުޑަކުދިންނާއި ގުޅޭ މިފަދަ ޙާއްސާސް މައްސަލަތަކުގައި ގުޅިގެން މަސައްކަތްނުކުރާކަންވެސް ފާހަގަވާކަމަށެވެ.

ޖީހާން ވިދާޅުވީ މިއަދު މިމައްސަލައާ ހަމައަށް އައިއިރު، ހުރިހާ އިދާރާތަކަށްވެސް އެއިދާރާއަކުން ކުރަންޖެހޭ ކަންކަން އެނގި ސާފުވެފައިވީނަމަވެސް އެކަކަން ނުކުރެވޭކަން ފާހަގަކުރެވޭކަމަށެވެ.

"މިބައްދަލުވުމާއި ގުޅޭ ރިޕޯޓް އަޅުގަނޑުމެން ފޮނުވާނަން. އެހެން ނަމަވެސް މިވަގުތުން ވަގުތައްވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާކަމުގެ މައުލޫމާތު އެނގިފައިވާ މީހުން މުޖްތަމަޢުގެ ތެރެއަށް ދޫވެފައިތިބިކަން އެނގިފައިވާނަމަ އެކަމަށް އަޅަންޖެހޭ ފިޔަވަޅު ތިބޭފުޅުން އަޅުއްވައި ދެއްވާ" ޖީހާން ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީއާއި ފުލުހުންގެ އިތުރުން ޕީޖީ އޮފީހަށް ތަފާތު ސުވާލު އަމާޒުކުރެވުނު ކޮމިޓީ ބައްދަލުވުމުގައި އަންނަ ފެބްރުއަރީ މަހު އަމަލުކުރަންފަށާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޒުކުރަން ވަމުންދާ ތައްޔާރީތަކާއި އޭގެ ސަބަބުން ލިބިގެންދާނެ ކުރިއެރުންތަކާއި މިހާރު ރަނގަޅުކުރަންޖެހޭކަމަށް ޤަބޫލުކުރެވޭ ކަންކަން އެ މުއައްސަސާތަކުންވަނީ ހިއްސާކުރައްވާފައެވެ.