ޚަބަރު

ހިމަބިއްސަށް އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ


ހިމަބިއްސަށް އިތުރު މީހަކު ޕޮސިޓިވް ވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން ދަނީ ކޮންމެ ދުވަހަކުވެސް އެ އޭޖްނސީއިން ހިމަބިއްސަށް ޓެސްޓްކުރާ ފަރާތްތަކުގެ މަޢުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އެޗްޕީއޭގެ އެންމެ ފަހުގެ ޓެސްޓްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާ، އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެންމެ ފަހުން ހިމަބިއްސަށް ޓެސްޓްކުރި 8 މީހުންގެ ތެރެއިން އެކަކު އެ ބައްޔަށް ޕޮސިޓިވް ވެފައިވާކަމަށެވެ.
މިހާތަނަށް 4 މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފައެވެ.

ހިމަބިއްސަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެއްކަމުން، ހިމަބިހިން ސަލާމަތް ވުމަށް އަވަހަށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިމަބިހި އިތުރަށް ފެތުރެންފަށައިފިނަމަ އެކަމަށް ހެލްތު މިނިސްޓްރީ ތައްޔާރީ ޙާލަތަކަށް ގެނެސްފައިވާކަން އެ މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. ރާއްޖެއަކީ މީސްލްސް ނައްތާލެވިފައިވާ ޤައުމަކަށްވުމުން ބަލި ކުއްލިއަކަށް ފެތުރި ގިނަ ވުމުގެ ފުރުސަތު ކުޑަނަމަވެސް ބަލީގެ ބާވަތުން ހަލުވިކަމާއެކު ހި،ަބިހި ފެތުރިދާނެކަމަށްޓަކައި މިނިސްޓްރީން ވަނީ ޚާއްސަ ފިޔަވަޅުތައް އަޅަން ފަށާފައެވެ.

ރާއްޖެއަކީ ހިމަބިހި މުޅިން ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ޑަބްލިއު އެޗްއޯއިން ކަނޑައަޅާފައި ވަނީ 2017ވަނަ އަހަރުއެވެ. މި ބަލި ނައްތާލުމަށް މުޅި ރާއްޖެ ހިމެނޭހެން އެމްއާރް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއްވެސް ހެލްތް މިނިސްޓްރީއިން ކުރިއަށް ގެންގޮސްފައި ވެއެވެ.

މީސަލްސް ވައިރަސްއަކީ ފަސޭހައިން ގައިންގަޔަށް އަރާ ވައިރަހެކެވެ. މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގ ޑޯޒްތައް ފުރިހަމަ ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިންވަނީ އިރުޝާދުދީފައެވެ.

ޚާއްސަކޮށް ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިން ގަވައިދުން ދިނުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.