ޚަބަރު

ޖިންސީ އަނިޔާގެ މައްސަލަަތައް ދިރާސާކޮށް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ފަސްނުޖެހި މަސައްކަތް ކުރާނަން - މަޖިލިސް


ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ދިރާސާކޮށް، އެކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމަށްޗަށް ގެނެސް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް، ކުރަންޖެހޭ ހުރިހާ ކަމެއް ފަސްޖެހުމެއްނެތި ކުރާނެކަމުގެ ޔަޤީންކަން ރައްޔިތުންގެ މަޖިލީހުންދެއްވައިފިއެވެ.

ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން 2 އަހަރު ނުވާ ކުއްޖަކަށް އެކުއްޖާގެ ބައްޕައާއި ކާފަ އާއި މުނިކާފަ ޖިންސީ އަނިޔާ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އައުމާގުޅިގެން، ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، މިމައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ރޭގެ ވަގުތެއްގައި ބާއްވައި އެކަމާގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ.

މަޖިލިސް އިދާރާއިން ވިދާޅުވީ، ކުޑަކުދިންނާގުޅޭ މިފަދަ ހުރިހާ މައްސަލަތައް ދިރާސާކޮށް، އެކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމަށްޗަށް ގެނައުމަށާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް، ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ހުރިހާ ކަމެއް ފަސްޖެހުމެއްނެތި ކުރާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

މަޖިލީހުގެ އިދާރާއިން ވިދާޅުވީ ރޭ ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ކަމާގުޅޭ މަޢުލޫމާތު ސާފުކުރެއްވުމުގެ ގޮތުން ކްރިމިނަލް ކޯޓަށާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުއްވުމަށް ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން، މިރޭ 21:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ކުއްލި ބައްދަލުވުމުގައި، މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ކްރިމިނަލް ކޯޓުގެ ބޭފުޅުންނާއި، މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފް.ސީ.ޕީ.ޑީ)ގެ އިސްވެރިންނާއި ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ބޭފުޅުންގެ އިތުރުން ގއ. ކަނޑުހުޅުދޫ ކައުންސިލުގެ ރައީސާ ބައްދަލުކުރައްވައި މަޢުލޫމާތު
ސާފުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މަޖިލިސް އިދާރާއިން މައުލޫމާތުދެއްވިއެވެ.