ޚަބަރު

ނިރްބަޔާ ރޭޕް މައްސަލައިގެ ކުށްވެރިންނަށް މަރުގެ އަދަބު ދޭނެ ތާރީޚަށް ބަދަލެއް


2012ވަނަ އަހަރު އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި ފެންމަތިވި ނިރްބަޔާ ރޭޕް މައްސަލައިގައި ކުށް ސާބިތުވި ހަތަރު މީހުންނަށް މަރުގެ އަދަބު ދޭނެ ތާރީޚަށް ބަދަލުގެނަސްފިއެވެ.

މީގެ ކުރިން އެމީހުންނަށް މަރުގެ އަދަބު ދޭން ނިންމާފައިވަނީ މިމަހުގެ 22ވަނަ ދުވަހުއެވެ. ނަމަވެސް، އޭގެ ތެރެއިން އެކަކު މަރުގެ އަދަބު ލުއިކޮށްދޭން އިންޑިޔާގެ ރައީސް ރާމްނަތު ކޯވިންދް އަރިހު އެދުމުން، ޙުކުމް ތަންފީޒުކުރުންވަނީ ފަސްކޮށްފައެވެ. ރައީސް ކޯވިންދުވަނީ މަރުގެ އަދަބު ލުއިކޮށްނުދެއްވަން ނިންމަވާފައިއެވެ. އެހެންކަމުން، ދިއްލީގެ ކޯޓަކުންވަނީ އަންނަ މަހުގެ 1ވަނަ ދުވަހު އެމީހުންގެ މަރުގެ އަދަބު ތަންފީޒުކުރަން ނިންމައިފައެވެ.

2012ވަނަ އަހަރު ބަހެއްގައި ހަތަރު މީހުންވެގެން ހިންގި ރޭޕްކުރުމުގެ ޖަރީމާގެ ސަބަބުން އިންޑިޔާގެ މުޖްތަމަޢުއަށް ވަރަށް ބޮޑަށް ސިހުން ލިބުނެވެ. އަދި ރޭޕާއި ދެކޮޅަށް އެޤައުމުގައި ބޮޑެތި މުޒާހަރާތަކެއްވަނީކޮށްފައެވެ. އެ ޖަރީމާގެ ޝިކާރައަކަށްވި ޒުވާން އަންހެން ކުއްޖާވަނީ އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާދެނިކޮށް މަރުވެފައެވެ.


ނިރްބަޔާ ރޭޕް މައްސަލައިގެ ނަމުން މަޝްހޫރުވެފައިޥާ އެޖަރީމާ ހިންގި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުވެފައިވަނީ 2013ވަނަ އަހަރުއެވެ. އެޖަރީމާއަށްފަހު އިންޑިއާއިންވަނީ ރޭޕްގެ ޖަރީމާތަކަށް އަދަބު ދިނުމާބެހޭ ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެނަސް އަދަބުތައް ހަރުކަށިކޮށްފައެވެ.

ތަފާސްހިސާބުތަކުންނާއި ދިރާސާތަކުން ދައްކާގޮތުގައި ކޮންމެ ވިހި މިނިއްޓަކު އެޤައުމުގައި ރޭޕްގެ ޖަރީމާއެއް ހިންގައެވެ.