ސިޔާސީ

1000 އަށްވުރެ ގިނަ މީހުންނަށް މިނިވަން 50ގެ ދަރުބާރަށް ދައުވަތު


ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފާހަގަކުރުމަށް ބާއްވާ ދަރުބާރުގައި ދައުވަތު އެރުވިގެން އެއްހާހަށްވުރެ ގިނަ މީހުން ބައިވެރިވާނެކަމަށް ސަރުކާރުން ބުނެފިއެވެ. މިނިވަން ފަންސާސް ޓާސްކު ފޯހުގެ ފަރާތުން ރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، މިނިވަން ފަންސާސް ދަރުބާރުގައި ދައުވަތު އެރުވިގެން އެއްހާހަށް ވުރެ ގިނަ މީހުން ބައިވެރިވާނެކަމަށާއި، ރާއްޖެއިން ބޭރުން ސަތޭކައަށްވުރެ ގިނަ އިއްޒަތްތެރިން ބައިވެރިވެ ވަޑައިގަންނަވާނެކަމަށެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ އެންމެ ޚާއްސަ ހަރަކާތަކީ އުސްފަސްގަނޑުގައި ބާއްވާ ރިޔާސީ ދަރުބާރުކަމަށެވެ. ދަރުބާރު ބޭއްވުމަށް ޚާއްސަ ފޭލިގެއެއް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށް އޭނާ ވިދާޅުވިއެވެ. " ރިޔާސީ ދަރުބާރުގެ އިތުރުން ދަރުބާރުގޭގައި ރިޔާސީ ޖާފަތެއް އޮންނާނެ. މި ދަރުބާރުގައި ބާއިވެރިވުމަށް 1000 އަށްވުރެ ގިނަ ފަރާތްތަކަށް ދައުވަތު އެރުވުމަށް ހަމަޖެހިފައިވޭ. ރާއްޖެއާއިއެކު ސިޔާސީ ގުޅުން ގާއިމްކޮށްފައިވާ 100 އަށްވުރެ ގިނަ ގައުމުން އިއްޒަތްތެރިން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ " ހުސައިން ޝަރީފް ވިދާޅުވިއެވެ. މީގެއިތުރުން ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ރާއްޖެއާއި ގުޅުން ހުރި ފަރާތްތައް ބައިވެރިވާނެކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ރާއްޖެ ވަޑައިގަންނަވާ އިއްޒަތްތެރިންނެއް ހާމައެއް ނުކުރައްވައެވެ. އެބޭފުޅުން މިދަރުބާރުގައި ބައިވެރިކުރުމުގެ ބޭނުމަކީ، ފަންސާސް އަހަރުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ ތަރައްގީއާއި ކުރިއެރުން ދައްކާލާ އެފަރާތްތަކަށް ޝުކުރު ދެންނެވުންކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސްކަމަށްވާ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު އުފަންވި ހުރިހާ އެންމެންވެސް މިދަރުބާރުގައި ބައިވެރިކުރުމަށް ނިންމާފައިވާކަމަށް ހުސައިން ޝަރީފް ވިދާޅުވިއެވެ.ރައީސުލްޖުހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، މިނިވަން ފަންސާހުގެ ހުރިހާ ތައްޔާރީތަކެއްވެސް ކުރިއަށްދަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިރުޝަދުގެ ދަށުންކަމަށެވެ.މިނިވަން ފަންސާސް ފާހަގަކުރުމަށް ބާއްވާ މި ދަރުބާރަކީ ރާއްޖޭގައި މިހާތަނަށް ބާއްވާފައިނުވާ ބޮޑު ރަސްމިއްޔާތަކަށް ވެގެންދާނެކަމަށް ސަރުކާރުން ދެކެއެވެ.