ޚަބަރު

ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް މަރަދޫގައި ޢިމާރާތްކުރަނީ


ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް އައްޑޫ ސިޓީ މަރަދޫގައި ޢިމާރާތްކުރުމަށް ނިންމައިފިއެވެ.

އައްޑޫ ސިޓީ މަރަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި، ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް ޢިމާރާތްކުރުމަށް ބޭނުންވާ ބިން ދޫކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން މި އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރ ޢަބްދުﷲ ޞާދިޤެވެ. މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ އެކި އޮފީސްތަކުގެ ވެރިންނާއި ބައެއް އާއްމުން ބައިވެރިވެފައިވެއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ގަން ކަސްޓަމްސް އޮފީހުގެ އައު އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގެ އެއްބަސްވުމުގައި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކަސްޓަމްސްއިން އަންނަނީ މާލެ ސިޓީގެ އިތުރުން، ރާއްޖޭގެ 9 ސަރަޙައްދެއްގައި އެ މުއައްސަސާގެ އޮފީސްތައް ޤާއިމުކޮށް ޚިދުމަތް ދެމުންނެވެ. އެގޮތުން ހއ. އުލިގަމް، ކުޅުދުއްފުށި ސިޓީ، ހދ. ހަނިމާދޫ، ކ. ތިލަފުށި، ކ. ތުލުސްދޫ، ލ. ގަން، ގއ. ވިލިނގިލި، އައްޑޫ ސިޓީ ގަން އަދި ހިތަދޫގައި ރީޖަނަލް އޮފީސްތައް ޤާއިމުކޮށް ކަސްޓަމްސްއިން އަންނަނީ ޚިދުމަތް ދެމުންނެވެ.