ޚަބަރު

ޖިންސީ އަނިޔާ ލިބުނު ތުއްތު ކުއްޖާ މާލެގެނެސް އެޑްމިޓުކޮށްފި


ގއ. ކަނޑުހުޅުދޫގައި ޖިންސީ އަނިޔާ ލިބުނު ތުއްތު ކުއްޖާއަށް ލިބިފައިވާ ގެއްލުންތައް އިތުރަށް ވަޒަންކުރުމަށްޓަކައި އެކުއްޖާ މާލެ ގެނެސް އެޑްމިޓްކޮށްފިއެވެ.

އެއް ޢާއިލާއަކަށް ނިސްބަތްވާ ތިން މީހަކު ހިމެނޭ ގޮތަށް ދެ އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި، އަނިޔާ ލިބުނު ކުޑަ އަންހެން ކުއްޖާއާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް މަޢުލޫމާތު ލިބިފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

މި މައްސަލައާއި ގުޅޭގޮތުން ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާކަން ފާހަގަކުރެވިފައިވާތީ، ކުއްޖާއަށް ލިބިފައިވާ ގެއްލުންތައް އިތުރަށް ވަޒަންކުރުމަށްޓަކައި ރޭ 20:30 ހާއިރު ކުއްޖާގެ މަންމަ ފަރާތު ބޮޑުދައިތައެއްގެ ޙަވާލުގައި ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ކުއްޖާ މާލެ ގެނެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވާކަމަށެވެ.

މި މައްސަލަ ފެންމަތިވުމާއެކު ކުއްޖާ ދިރިއުޅެމުން ދިޔަ މާޙައުލަށް ޖެންޑަރ މިނިސްޓްރީގެ ކޭސް ވޯކަރުންނާއި، ފުލުހުން ގޮސް މަޢުލޫމާތު ސާފުކުރުމަށްފަހު، ކުއްޖާގެ މެޑިކަލް އެސެސްމެންޓް ހެދުމަށްޓަކައި މިދިޔަ ބުދަދުވަހުގެ 20:45 ހާއިރު އެ ކުއްޖާ މިނިސްޓްރީގެ ކޭސް ވޯރކަރުންގެ ބެލުމުގެ ދަށަށް ގެނެސް، އެރޭގެ 22:55 ހާއިރު ކުއްޖާ ސަރަޙައްދީ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އަދި ކުއްޖާ ޑޮކްޓަރަށް ދައްކައި ބެލިބެލުމުން ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާކަމަށް ބެލެވޭތީ ކުއްޖާ ރައްކާތެރި މާޙައުލަކަށް ބަދަލުކުރުމަށްޓަކައި، ކުއްޖާ ޢާއިލާގެ ފަރާތުން ބޮޑުދައިތައާ ވަގުތީގޮތުން ވަނީ ޙަވާލުކޮށްފައެވެ.

ކުއްޖާގެ ބޮޑުދައިތައަށް ގިނަ ދުވަސްތަކެއް ވަންދެން ކުއްޖާ ބެލެހެއްޓުމުގެ ޒިންމާއާ ޙަވާލުވުމުގައި ދަތިތަކެއް ހުރުމާއެކު، ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ޙަވާލުކުރުން އެންމެ ރަނގަޅު ފަރާތެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ކުއްޖާގެ މާމަކަމަށްވުމާއި، މާމާއާ ކުއްޖާ ޙަވާލުކުރުމަށްވެސް ނިންމާފައިވާކަމަށް ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ދެ އަހަރުން ދަށުގެ ކުއްޖާއަށް ޖިންސީ އަނިޔާކުރިކަމަށް ތުޙުމަތު ކުރެވޭ ކުއްޖާގެ ބައްޕައާއި، ބައްފަ ފަރާތު ކާފައާއި މުނިކާފަވެސް ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ބައްފަ ފަރާތު 62 އަހަރުގެ ކާފައާއި، 82 އަހަރުގެ މުނިކާފަ ކޯޓު އަމުރަކާއެކު ހައްޔަަރުކޮށްފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ. އަދި މިކަން ފެންމަތިވުމާއެކު 33 އަހަރުގެ ބައްޕަ ރަށުން ފިލައިގެންގޮސް ހުޅުމާލޭގައި ހުއްޓާ، ރޭ 19:70 ހާއިރު ވަނީ ހައްޔަރުކޮށްފައެވެ.