ކުޅިވަރު

ސައުދީއާއެކު ހެދި އެއްބަސްވުމާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަ ނުދެއްކުމަށް ބައްސާމް އެދިވަޑައިގެންފި


ސައުދީ އަރަބިއާގެ ފުޓްބޯޅަ ފެޑެރޭޝަނާއިއެކު އެފްއޭއެމުން ހެދި އެއްބަސްވުމާއި ގުޅޭ ގޮތުން ހަގީގަތާއި ހިލާފު ވާހަކަ ނުދެއްކުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީޖް އެދިވަޑައިގެންފިއެވެ.

އެފްއޭއެމްއިންވަނީ ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށާއި ޓެކްނިކަލް އަދި ޕްރޮފެޝަނަލުންނާ ގުޅުން ހުރި ކަންކަމުގައި ސައުދީ އަރަބިއްޔާއާއެކު ހެދި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. އެފްއޭއެމްއިން ސައުދި އަރަބިއްޔާއާއިއެކު އެއްބަސްވުމުގައި ސޮއިކުރިކަން އިޢުލާން ކުރުމާއެކު ކުރީގެ ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމްވަނީ ބައްސާމްއަށް ބޮޑެތި ތުހުމަތަކެއް ކޮށްފައެވެ.

އިރުތިޝާމް ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި އެއްބަސްވުމަކީ މީގެ ދެ އަހަރުކުރިން ހަމަޖެހިފައިވާކަމެއްކަމަށާއި، އެއްބަސްވުމުގައި ސޮއިނުކުރެވުނީ ބައްސާމްގެ ސަބަބުންކަމަށެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބައްސާމްގެ ފަރާތުން އެހީތެރިކަން ލިބުނުނަމަ މީގެ ދެ އަހަރުކުރިން މިކަން އޮންނާނީ ނިމިފައިކަމަށްވެސް އިރުތިޝާމް ވިދާޅުވިއެވެ.

ނަމަވެސް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކުރީގެ މިނިސްޓަރ އިރުތިޝާމް އާދަމް އެވާހަކަދައްކަވަނީ ކަމުގެ ހަގީގަތް އޮޅޭގޮތަށް ކަމަށާއި އިރުތިޝާމް އެވިދާޅުވަނީ ސައުދި އަރަބިއްޔާގެ އެއްބަސްވުމުގެ ކަންކަން ހިގައިދިޔަ ގޮތް ނޫންކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި ކަމުގެ ހގީގަތް އޮޅޭގޮތަށް ވާހަކަ ނުދެއްކުމަށްވެސް ބައްސާމްވަނީ އިރުތިޝާމްގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އަދި މިކަމުގެ ތަފްސީލަށް މިވަގުތު އަދި ދާންބޭނުން ނުވާކަމަށްވެސް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.