ޚަބަރު

ޚިޔާލު ތަފާތުވިޔަސް އެކަކު އަނެކަކަށް އިހްތިރާމް ކުރަންޖެހޭނެ - މުފްތީ މެންކް


ކަންކަމުގައި ޚިޔާލު ތަފާތު ވީކަމުގައި ވިއަސް އެކަކު އަނެކަކަށް އިހްތިރާމް ކުރަންޖެހޭނެކަމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުފްތީ އިސްމާޢީލް މެންކް، މިރޭ ކުޅުދުއްފުށި ސިޓީގައި ދަރުސް ދެއްވަމުން ވިދާޅުވީ ހިޔާލު ތަފާތުވުމަކީ ދުނިޔޭގައި އިންސާނުން އުޅެންފެށި ހިސާބުން ފެށިގެން ފެށިފައިވާ ކަމެއްކަމަށެވެ. އަދި ސަހާބީންނަކީ އެންމެ ހެޔޮ ގަރުނުގެ ބޭކަލުން ކަމަށާޢި އެބޭކަލުންގެ މެދުގައިވެސް ހިޔާލު ތަފާތުވުން އުފެދުނުކަމުގައި މުފްތީ މެންކް ވިދާޅުވިއެވެ.

މިކަމުގެ މިސާލު ދައްކަވަމުން މުފްތީ މެންކް ބަނޫ ޤުރައިޟާގެ ހާދިސާގެ ވާހަކަ ފާހަގަ ކުރެއްވިއެވެ. އެގޮތުން ކަންކަމުގައި ހިޔާލު ތަފާތުވުންތައް ހުރުމަކީ މައްސަލައެއް ނޫންކަމަށާއި އެއްބަޔަކު އަނެއް ބައެެއްގެ ޚިޔާލަށް އިހްތިރާމް ކުރުމުގެ ރީތި އާދަ ގެންގުޅުމުގެ މުހިންމުކަމުގެ މައްޗަށް މުފްތީ މެންކް އަލި އަޅުއްވާލެއްވިއެވެ.

ކަންކަމުގައި ހިޔާލު ތަފާތުވުންތައް ހުރިނަމަވެސް އިސްލާމްކަމުގެ ރުކުންތަކާއި އީމާންކަމުގެ ރުކުންތަކުގައި އެއްވެސް ބަޔަކު ހިޔާލު ތަފާތުވެގެން ނޫޅޭނެ ކަމުގައި މުފްތީ މެންކް ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމަށް ފާޑުކިޔައި ރުކުންތަކަށް ގޮތް ކިޔާނަމަ އެމީހެއްގެ ކިބައިގައި އިސްލާމްކަން ފުރިހަމަ ނުވާނެކަމަށާއި އަޅުގަނޑުމެން ދުލުން ޝަހާދަތުގެ ދެކަލިމަ ކިޔާފައި ހިތުގެ އަޑިން އެކަން ގަބޫލްކޮށް އެގޮތަށް އަމަލުވެސް ކުރަން ޖެހޭނެކަމުގައި މުފްތީ މެންކް ވިދާޅުވިއެވެ.

މުފްތީ މެންކްގެ ތަޤުރީރު އަޑުއެހުމަށް ކުޅުދުއްފުށީ ސިޓީގެ ގިނައަދަދެއްގެ ރައްޔިތުންނާއި ހދ އަތޮޅުގެ ބައެއް ރަށްރަށުންވެސް ރައްޔިތުން ހާޒިރުވިއެވެ.

މިރޭގެ ދަރުސްގެ ކުރިން މާލޭ ސިޓީއާއި އައްޑޫ ސިޓީގައިވެސް މުފްތީ މެންކް ވަނީ ދަރުސް ދެއްވާފައެވެ. މީގެ އިތުރުން މުފްތީ މެންކް، މާދަމާ އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރުނަމާދު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.