ޚަބަރު

ދެން ކައުންސިލަރުންނަށް ދެއްކޭނެ ބަހަނާއެއް ނެތް!


ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނަށް ގެނައިބަދަލުތަކާއިއެކު ރަށްރަށުގެ ތަރައްޤީއާއި، އިޖުތިމާޢީ، އިގުތިޞާދީ ކަންކަމުގެ ޒިންމާ އުފުލާފަރާތަކީ އެރަށަށް ނިސްބަތްވާ ކައުންސިލްތަކެވެ. 5 އަހަރުގެ މުއްދަތަށް އިންތިޚާބްކުރާ ކައުންސިލަރުންނަށް ޤާނޫން ކަނޑައަޅާ މަސްއޫލިއްތާއިއެކީ އެފަރާތްތަކަށް އެކަށީގެންވާ މުސާރައެއް ދިނުމަކީ މުހިންމުކަމެކެވެ. ރައީސުލްޖުމްހޫރިއްޔާވަނީ ކައުންސިލަރުންގެ މުސާރައިގެ ގޮތުގައި ކަނޑައެޅުއްވި ޢަދަދުތައް އިއުލާންކުރައްވާފައެވެ.

ލާމަރުކަޒީ ޤާނުނަށް ގެނައި އިސްލާހުތަކާއިއެކު ކައުންސިލްތަކަށް ބޮޑެތި ބާރުތަކާއި އިޚްތިޔާރުތައް ވަނީ ލިބިފައެވެ. އަންނަ އޭޕްރީލް މަހުގެ 4ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ރަށްރަށުގެ ހިންގުމާއި ތަރައްޤީގެ މަސްއޫލިއްޔަތާ ޙަވާލުވާން ތިއްބެވި ކައުންސިލަރުންނަށް އޮތް ޒިންމާތަކަކީ ބުރަބޮޑު ޒިންމާތަކަކާއި މަސްއޫލިއްޔަތެކެވެ. ރަށްރަށުގެ ވަށައިގެންވާ އެންމެހައި ތަންތަނާއި ފަޅުރަށާއި، ފަޅާއި ބިންތަކަކީ ކައުންސިލްގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭތަންތަނެވެ.

ބަނދަރުހެދުމާއި، މަގުހެދުމާއި، ނަރުދަމާ އެޅުމާއި، ތަރައްޤީއާ ގުޅުންހުރި އެންމެހައި މަސައްކަތްތަކުގެ ޒިންމާދާރު ފަރާތަކީ ކައުންސިލަރުންނެވެ. ތަޢުލީމާއި ސިއްޙަތާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފިޔަވައި ދެންހުރި ހުރިހާ މަޝްރޫޢުތައް ރަށްރަށުގައި ހިންގާނީވެސް ކައުންސިލްތަކުންނެވެ. ކައުންސިލްތަކުން ތަރައްޤިގެ ބޮޑެތި މަސައްކަތްތަކާއި މަސްއޫލިއްޔަތާ ޙަވާލުވާއިރު އެފަރާތްތަކަށް އެކަށީގެންވާ އުޖޫރައެއް ކަނޑައެޅުމަކީ ކުރަންޖެހޭ ކަމެއްކަމަށް ސަރުކާރުން ދެކޭއެވެ.

ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ރައްޔިތުން އިންތިޚާބްކުރާ ކައުންސިލްތަކަކީ ރަށުގެ ތަރައްޤީއާއި ކުރިއެރުމާ ގުޅިފައިވާ ފަރާތެކެވެ. ދައުލަތުގެ ބަޖެޓުން ބޮޑު އިންސައްތައެއް ކައުންސިލްތަކަށް ޚާއްސަކުރެވިފައިވާއިރު ބަޖެޓްގެ ބޭނުންކޮށްގެން ރަށްރަށުގެ ތަރައްޤީގެ ޕްލޭންތަކާއި، ރަށްރަށުގެ ކުރިމަގު ބައްޓަންކުރުމަށް އިންތިޚާބްކުރާ ކައުންސިލަރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެއެވެ.

މިފަދަ ޒިންމާބޮޑު އެތައް މަަސައްކަތަކާ ޙަވާލުވާ ފަރާތްތަކަށް އުޖޫރަ ކަނޑައަޅުމަށް ސަރުކާރުންވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. މުސާރަތައް ކަނޑައެޅުމުގައި އެއްވެސް ކައުންސިލެއް ތަފާތުކޮށްފައި ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ސިޓީތަކުގެ ކުޑަ، ބޮޑު މިނަށް ބެލުމެއްނެތި ސިޓީ ކައުންސިލްތަކުގެ މުސާރަ އެއްވަރުވާއިރު، ރަށު ކައުންސިލްތަކުގެ މުސާރަވެސް ހަމަހަމަ ވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ މުސާރައިގެ ތެރެއިން މޭޔަރަކަށް 40،000ރުފިޔާ އަދި ޑެޕިއުޓީ މޭޔަޔަރަށް 35،000ރުފިޔާ ދިނުމަށް ވަނީ ކަޑައަޅާފައިވާއިރު ސިޓީ ކައުންސިލްގެ މެމްބަރަކަށް ކަޑައަޅާފައިވަނީ 30،000ރުފިޔާއެވެ. އަތޮޅު ކައުންސިލްގެ ރައީސަކަށް 28،000ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. ރަށު ކައުންސިލްގެ ރައީސަކަށް 23،000ރުފިޔާ އަދި ނައިބު ރައީސަށް 15،000ރުފިޔާ ކަޑައަޅާފައިވާއިރު ކައުންސިލް މެމްބަރަކަށް ކަޑައަޅާފައިވަނީ 12،000ރުފިޔާއެވެ.

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުތައްވެސް މިފެށޭ ދައުރުންފެށިގެން ކަނޑައަޅައި އެފަރާތްތަކުގެ މުސާރަވެސް ސިވިލްސާވިސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލަކަށް އެގްޒެކެޓިވް އެލަވަންސާއިއެކު 35،500 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލަކަށް އެގްޒެކެޓިވް އެލަވަންސާއިއެކު 21،000 ރުފިޔާ އަދި ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލަކަށް އެގްޒެކެޓިވް އެލަވަންސާއިއެކު 16،100 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކަށް ޤާނޫންމަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ދޫކޮށްފައިވާ ބާރުތަކާއި، ދިނުމަށް ކަޑައަޅާފައިވާ މުސާރަޔާއެކު ކައުންސިލްތަކަށް ދެއްކޭނެ އެެއްވެސް ބަހަނާއެއް ނެތްކަމަށް ސަރުކާރުންވެސް ދެކެއެވެ.