ޚަބަރު

ތުއްތު ކުދިންނަށް 9 މަހާއި 18 މަހުގައި ވެކްސިން ދިންކަން ކަށަވަރުކުރޭ - ހެލްތު


ހިމަބިހިން ރައްކާތެރިވުމަށް ކުޑަކުދިންނަށްދޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންކުރުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މިކަމަށް އިލްތިމާސްކޮށްފައި ވަނީ ރާއްޖޭގައި ހިމަބިހި ފެތުރެމުން ދިޔުމާއި ގުޅިގެން އެކަމުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

ހިމަބިހި ޖެހުމުން އޭގެ ނުރައްކާ އެންމެ ބޮޑުވަނީ އުމުރުން 5އަހަރުން ދަށުގެ ކުޑަކުދިންނަށެވެ. ތުއްތުކުދިންނަށް ހިމަބިހީގެ ފުރަތަމަ ޑޯޒް ދެނީ އުމުރުން 9 މަހުގައެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަކުރަންޖެހެނީ އުމުރުން 1އަހަރާއި 6 މަހުގައެވެ.

ހެލްތު މިނިސްޓްރީން ވަނީ މިއިން އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ކުއްޖަކު ހުރިނަމަ ވީހާވެެސް އަވަހަށް ހިމަބިހިން ސަމާލަތްވުމަށްދޭ އެމްއާރް ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައެވެ.

ހެލްތް މިނިސްޓްރީ އާއި ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ 9 މަހުގައި ޖަހަންޖެހޭ އެމްއާރްޑޯޒް ފުރިހަމަ ކޮށްފައިވާ ކުއްޖެއްނަމަ، ފުރަތަމަ ޑޯޒް ޖެހިތާ 4 މަސް ފަހުން ދެވަނަ ޑޯޒްގެ ގޮތުގައި ބޫސްޓަރ ޑޯޒެއް ދޭނެ ކަމަށެވެ. އެހެންކަމުން 18 މަސް ނުވިނަމަވެސް މި ބޫސްޓަރ ޑޯޒް ދިނުމަށް ހެލްތް މިނިސްޓްރީން އިލްތިމާސް ކުރެއެވެ. މި ވެކްސިންގެ ސަބަބުން ކުއްޖާގެ ސިއްޙަތައް ގެއްލުން ނުވާނެކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެން ފެށިކަން މިދިޔަ ހޮނިހިރު ދުވަހު އިއުލާން ކޮށްފައިވާއިރު މިހާތަނަށް 3 މީހުން ވަނީ އެބައްޔަށް ޕޮސިޓިވްވެފައެވެ. އޭގެތެރޭގައި 3 އަހަރުގެ ތުއްތު ކުއްޖެއް ހިމެނެއެވެ. އެ ކުއްޖާއަކީ 18 މަސް ވުމުން ދޭންޖެހޭ ވެކްސިންގެ ދެވަނަ ޑޯޒް ހަމަނުކުރާ ކުއްޖެއްކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިމަބިހި ފެތުރެން ފެށިކަން އިޢުލާންކުރުމާއިއެކު މިކަމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ ވެކްސިން ދިނުމުގެ ހަރަކާތެއް ފަށާފައެވެ.

ރާއްޖޭގައި މިވަގުތު ވެކްސިން ހުރި މިންވަރަށް ބަލައި ވެކްސިން ދިނުމުގައި އިސްކަންދެނީ ބައްޔަށް ޕޮސިޓިވްވި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގެ މީހުންނާއި، އަދި ހިމަބިހީގެ ނުރައްކާ އެންމެ ބޮޑުވާނެ ފަރާތްތަކަށް ވެކްސިން ދިނުމަށެވެ. މީގެތެރޭގައި އުމުރުން 18އަހަރު ނުފުރޭ ކުދިންނާއި، ބައެއް ބަލީގެ ސަބަބުން ދިފާޢީ ނިޒާމު ދެރަ މީހުންނާއި، ބޮޑެތި ބަލިތައް ތަޙައްމަލްކުރަމުންދާ މީހުން ހިމެނެއެވެ.

ހެލްތު މިނިސްޓްރީ ވަނީ 18އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ދީފައިވާ ކުދިންނާއި އަދި ވެކްސިން ނުދޭ ކުދިން ދެނެގަތުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މިނިސްޓްރީއާއި ރަށްރަށުގެ ހޮސްޕިޓަލްތަކާއި، ހެލްތް ސެންޓަރުތައް ގުޅިގެން ދަނީ ވެކްސިން ދީފައިވާ ކުދިންނާއި، ނުދޭ ކުދިންގެ ދަފްތަރެއް އެކުލަވާލަމުންނެވެ. މި މަސައްކަތް މި ހަފްތާގެ ނިޔަލަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.