ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށްފަހު މައި ސަރުކާރުން ހިންގާނީ ތަޢުލީމީ، ސިއްޙީ އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކަމަށާ، ދެން ހުރި ދާއިރާތަށް ތަރައްޤީކުރާނީ ލޯކަލް ކައުންސިލްތަކުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
"ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ މިސަރުކާރުން ކައުންސިލްތަކަށް ޕްރޮޖެކްޓްތަށް ހިންގުމަށް ފުރިހަމަ ބާރުވެރިކަން ދޭނެކަމަށް ވިދާޅުވެފައެވެ.
ކުޅުދުއްފުށީ ސިޓީގައި ބޭއްވި "އިރުވައި ކޮންފަރެންސް"ގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްވަނީ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާއެކު ރާއްޖޭގެ ތަރައްޤީ އައު އުސްމިންތަކަކަށް ވާޞިލްވާނެކަމަށެވެ. ކައުންސިލްތަކަށް މާލީ ބާރުވެރިވެރިކަންދީ ޕްރޮޖެކްޓްތަށް ހިންގުމަށް މަގުފަހިކޮއްދެއްވާނެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، ލޯކަލް ކައުންސިލް އިންތިޚާބަށްފަހު މައި ސަރުކާރުން ހިންގާނީ ތަޢުލީމ، ސިއްޙީ އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައްކަމަށް ވިދާޅުވެފައެވެ.
ކައުންސިލްތަކުން ރަށްރަށުގެ ކޯޕަރޭޓް ސޮސައިޓީތަށް މެދުވެރިކޮށް ވިޔަފާރިކުރުމުގެ ފުރިހަމަ ބާރުވެރިކަން ސަރުކާރުން ދޭނެކަން ރައީސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ސަރުކަރުގެ ވަޢުދުތަށް ފުއްދުމުގައި ފަސޭހަ ގޮތްތަކެއް ފަހިވެގެންދާއިރު، ރައްޔިތުން އެންމެ ބޭނުންވާ ތަރައްޤީ ގެނައުމުގައި ސަރުކާރުން ކާމިޔާބުވާނެކަން ރައީސުލްޖުމްހޫރުއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
"ލޯކަލް ކައުންސިލް އިންތިޚާބަށްފަހު މައި ސަރުކާރުން ހިންގާނީ ތަޢުލީމީ، ސިއްޙީ އަދި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތަކަށް މައިގަނޑުގޮތެއްގައި. އެހެންދާއިރާތަކުގެ ޕްރޮޖެކްޓްތަށް ހިންގުމުގައި އަޅުގަނޑުމެން ކައުންސިލްތަކަށް އެހީތެރިވެދޭނަން. މިސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް ބާރު ދިނުމަށް ނިންމާފައިވާއިރު، ކައުންސިލްތަކުން ހިންގާ މަޝްރޫޢުތަކަށް ސޮވެރިން ގެރެންޓީ ދޫކުރެވޭނެ އުސޫލެއް ލާމަރުކަޒީ ޤާނޫނުގެ ތެރެއިން ފަހިކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ކައުންސިލްތަކުގެ ބަޖެޓް އަމާޒަކަށް ވެގެން ދާންޖެހޭނީ ރައްޔިތުންނަށް ލިބޭ ފުދުންތެރިކަން އިތުރުކުރުން ކަމަށާ، މިއާއެކު ކައުންސިލްތައް އިތުރަށް ޒިންމާދާރު ކުރެވޭނެ މެކޭނިޒަމެއްވެސް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ކައުންސިލްތަކުން އިތުރު މަސައްކަތް ކުރުން ނުވަތަ ވިޔަފަރިކުރުމަށް ސަރުކާރުން ދޭ ގްރާންޓުން ނުފުދޭނަމަ ސޮވެރިން ގެރެންޓީން މިކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.