ވިޔަފާރި

ފަތުރުވެރިކަމާބެހޭ 3 ޤަވާއިދެއް އިސްލާޙުކުރުމަށް ޚިޔާލު ހޯދަނީ


ފަތުރުވެރިކަމާބެހޭ 3 ޤަވާއިދެއް އިސްލާޙުކުރުމަށް އާއްމުންގެ ޚިޔާލަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި އާންމު ރައްޔިތުންގެ ޚިޔާލާއެކު އެމިނިސްޓްރީން މިހާރު އަމަލުކުރަމުންދާ ހުރިހާ ޤަވާއިދުތަކެއް އިސްލާޙުކުރުމަށް ނިންމާފައިވާކަމަށެވެ.

އާއްމުންގެ ޚިޔާލަށް ހުޅުވާލާފައިވާ ޤަވާއިދުތަކަކީ،
- ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ތަފާސް ހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމާއިބެހޭ ޤަވާއިދު
- އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޓޫރިސްޓް ރިސޯޓުތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ޤަވާއިދު
- ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ޙަފްލާ ބޭއްވުމާބެހޭ ޤަވާއިދު

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ޤަވާއިދުތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު 23 ޖެނުއަރީގެ 14:00 އަށް ހުޅުވާލާފައިވާކަމަށެވެ.

މިނިސްޓްރީން ބުނީ ކުރިއަށްއޮތަނުގައި އިސްލާޙު ގެނައުމަށް ހަމަޖެހިފައިވާ އެހެން ޤަވާއިދުތައްވެސް އާންމުންގެ ޚިޔާލަށް ހުޅުވާލާނެކަމަށެވެ.

އިސްލާހުކުރުމަށް ނިންމާފައިވާ ޤަވާއިދުތަކުގެ ތެރޭގައި،
- ޓޫރިސްޓް ރިސޯޓު ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ފީނެގުމާބެހޭ ޤަވާޢިދު
-ޓޫރިސްޓް ރިސޯޓުތަކާއި ގުޅޭ ޙައްޤުތައް ބަދަލުކުރުމާއި ބެހޭ ޤަވާއިދު
- ރާއްޖޭގެ ޓޫރިސްޓު އުޅަނދު ހިންގުމާއި ބެހޭ ޤަވާއިދާ
- ރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާއިބެހޭ ޤަވާއިދު
- ރާއްޖޭގެ ޓޫރިސްޓް ހޮޓާ ހިންގުމުގެ ޤަވާއިދު

ފަތުރުވެރިކަމާބެހޭ ޤަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތް ފަށާފައިވާއިރު މިއަހަރު ތެރޭ ފަތުރުވެރިކަމާއި ގުޅުންހުރި 20 ޤަވާއިދެއް އިސްލާޙު ކުރައްވާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.