ޚަބަރު

ޝުޖާޢު އުސްމާނާއި އިތުރު 2 ފަޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަނީ


ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުސްމާނާއި އިތުރު 2 ފަޑިޔާރެއްގެ މައްސަލަ ބެލުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން އިއްޔެ ބޭއްވި އެކޮމިޝަނުގެ ބައްދަލުވުމުގައި ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާއި ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުގެ އިތުރުން ފެމިލީކޯޓުގެ ޤާޒީ އަލްއުސްތާޛު ޢަބްދުﷲ ޢަދީބު މައްސަލައެއް ބެލުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 22.1ވަނަ މާއްދާގެ (ބ)ގައި ވާ ފަދައިން، މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމިޓީއިން ބެލުމަށްފަހު، އިއްޔެ ކޮމިޝަންގެ ބައްދަލުވުމަށް ތާވަލުކުރެވުނު މައްސަލަތަކުގެ ތެރެއިން، އެކޮމިޓީން ބަލައިގަތުމަށް ނިންމާފައިވާ މައްސަލަތަކަށް ތަޙުޤީޤު ކޮމިޓީއެއްވަނީ އެކުލަވާލާފައެވެ. މި ތަހުޤީޤް ކޮމިޓީ އެކުލަވާލާފައިވަނީ އެ 3 ފަޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމަށެވެ.

އިއްޔެގެ ކޮމިޝަންގެ ބައްދަލުވުމުގައި ދ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރުމަށް 07 ޖަނަވަރީ 2020 ގައި ނިންމަވާފައިވާތީ، ދ.ޖުޑީޝަލް ދާއިރާގެ، ހިންގުން ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުލްޤާދިރު އާދަމްއާ ޙަވާލުކުރުމަށް ކޮމިޝަންގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.