ޚަބަރު

ފާއިޒު ސުޕްރީމް ކޯޓަށް އައްޔަންކުރަން ނުފެންނަ ކަމަށް ޖޭއެސްސީން ލަފާދީފި


ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން އައްޔަންކުރަން ނުފެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ލަފާ އެރުވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.

ޖޭއެސްސީން އިއްޔެ ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން އައްޔަންކުރަން އެކޮމިޝަނަށް، ރައީސުލްޖުމްހޫރިއްޔާ ހުށައެޅުއްވި ހުށަހެޅުއްވުމާގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ސުޕްރީމް ކޯޓަށް ފާއިޒް އައްޔަންކުރެއްވުމަށް ނުފެންނަ ކަމަށް ޖޭއެސްސީން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމާއި އަދި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމު އަދާކުރެއްވިއިރު ސުޕްރީމް ކޯޓުން ނިންމާފައިވާ ޤާނޫނާ ޚިލާފު އަދި ސުޕްރީމް ކޯޓުގެ އިޙްތިޞާޞުން ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިޙްތިޞާޞްގެ ތެރެއަށް ވަދެ ނިންމާފައިވާ ނިންމުންތަކުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ކޮމިޝަނަށް ފެންނާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ލަފާގައިވޭ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޤާނޫނު އަސާސީއާ ޚިލާފް ނިންމުންތަކާ ގުޅޭ ރިޕޯޓު އެކުލަވާލި ދިރާސާ ކޮމިޓީގެ މަޝްވަރާ ރިޕޯޓު ގައިވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުކަން ފާއިޒް އަދާކުރެއްވިއިރު ޢަމަލުކުރައްވާފައިވާގޮތަށްވެސް ޖޭއެސްސީން ބަލާފައިވާ ކަމަށް މަޢުލޫމާތުލިބޭ.

މިރިޕޯޓަށް ބެލުމަށްފަހު، އެރިޕޯޓް މަޝްވަރާ ކޮމިޝަނަށް ބަލައިގަނެ އަޙްމަދު ފާއިޒް ޙުސައިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަން ކުރުމަށް ނުފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް ކޮމިޝަނުން ނިންމީ ކަމަށް ޖޭއެސްސީން ހާމަކޮށްފައިވެއެވެ.

އަޙްމަދު ފާއިޒް ޙުސައިނަކީ އިންތިގާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި، ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރެއްވި ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. އުއްތަމަ ފަނޑިޔާރުކަމަށް ފާއިޒް އައްޔަންކުރެއްވީ 10 އޮގަސްޓް 2010 ގައެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ހަތަކުން ފަހަކަށް މަދުކުރުމުގެ ގޮތުން، ކޯޓުތަކުގެ ޤާނޫނަށް 2014 ވަނަ އަހަރު ގެނައި އިސްލާހާއެެކު އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި ފާއިޒް އާއި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަދި މިހާރުގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ވަނީ މަގާމުން ވަކިކުރައްވާފައެވެ.

މިވަގުތު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި، ފަނޑިޔާރު ޙުސްނުއްސުއޫދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން، ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.