މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އިމްޕޯޓް އަދި އެކްސްޕޯޓް މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.
މިދިޔަ ޑިސެމްބަރުމަހު އިމްޕޯޓް އަދި އެކްސްޕޯޓް މެދުވެރިކޮށް ދައުލަތަށް ލިބިފައިވާ އާމްދަނީ ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 10 އިންސައްތަ އިތުރުވެފައެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެމްބަރުމަހު އިމްޕޯޓް އަދި އެކްސްޕޯޓް މެދުވެރިކޮށް ދައުލަތަށް 361 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހު ލިބުނު 329 މިލިއަން ރުފިޔާއަށް ވުރެ އިތުރު ޢަދަދެކެވެ.
އިމްޕޯޓް އަދި އެކްސްޕޯޓް އިތުރުވެފައިވާއިރު ޑިސެމްބަރުމަހު ރާއްޖެއަށް އިމްޕޯޓްކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހާ އަޅާބަލާއިރު ވަނީ 4 އިންސައްތައަށް އިތުރުވެފައެވެ.
2018 ވަނަ އަހަރުގެ ޑިސެމްބަރުމަހު ރާއްޖެއަށް އިމްޕޯޓްކޮށްފައި ވަނީ 4.2 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެންނަމަވެސް 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހު ރާއްޖެއަށް 4.4 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޗައިނާ، ޔޫ.އޭ.އީ އަދި މެލޭޝިޔާ އިންނެވެ. ޗައިނާ ރާއްޖެ އިމްޕޯޓުކުރީ 753 މިލިއަން ރުފިޔާގެ މުދަލެވެ. ޔޫ.އޭ.އީން 654 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު މެލޭޝިޔާއިން 445 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑަށެވެ. އެކްސްޕޯޓްކުރި މުދަލުގެ 32 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު މިއީ 136.3 މިލިއަން ރުފިޔާގެ މުދަލެވެ. ޖަރުމަނުވިލާތަށް 60 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު އެމެރިކާއަށް 38 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. ފަރަންސޭސިވިލާތަށް 34 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު އިނގިރޭސިވިލާތަށް 25.5 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ ތެރޭގައި ހިމެނެނީ އެކި ބާވަތްތަކުގެ ތާޒާ އަދި ފިނިކުރި މަހުގެ ބާވަތްތަކެވެ.