ޚަބަރު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ސިޔާސީ ޕާޓީތަކަށްވެސް ވާދަކުރެވޭނެ - އިލެކްޝަންސް


އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަގޮތުންވެސް ވާދަކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ސިޔާސީ ޕާޓީތަކުންނާއި، އަމިއްލަގޮތުން ވާދަކުރުމުގެ ފުރުސަތުވެސް އޮންނާނެކަމަށެވެ. ކައުންސިލްތަކުގެ އިންތިޚާބާއި، ލޯކަލް ކައުންސިލް އިންތިޚާބުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ކަމަށް އަކްރަމް ވިދާޅުވިއެވެ. ދެ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ކުރީކޮޅުއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި އަންހެނުންނަށް ޚާއްސަކޮށްފައިވާ ސްލޮޓަކަށް ކުރިމަތިލާ މީހަކަށް ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިނުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ. ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީންވެސް ކޮމިޝަނަށް ލަފާދީފައިވަނީ ކައުންސިލް އިންތިޚާބްގައި އެއްމަޤާމަކަށް ކުރިމަތިލާ ފަރާތްތަކަށް އިތުރުމަޤާމަކަށް ކުރިމަތިނުލެވޭގޮތަށް ހެދުމަށެވެ.

މި ފަހަރު ކައުންސިލަށް ކުރިމަތިލާއިރު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާ މީހާއަށާއި އަންހެނުނަށް ޚާއްސަކޮށްފައިވާ ސްލޮޓަށް ކުރިމަތިލާ މީހުންނަށާއި ކައުންސިލްގެ ޢާއްމު މެންބަރުކަމަށް ކުރިމަތިލާ މީހުންނަށް އޮންނާނީ ވަކި ފޯމެކެވެ.

ކައުންސިލްތަކުން ތެއްތިރީސް އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްސަކޮށް، ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާޙާއެކު އޭޕްރިލް މަހު ބާއްވާ ކައުންސިލް އިންތިޚާބުގައި އަންހެނުންނަށް ރަށު ކައުންސިލްތަކުން ތިންސަތޭކަ ހަތްދިހަ ދެ ގޮނޑި ޚާއްސަކުރަންޖެހެއެވެ. އަދި ތިން ސަތޭކަ ހަތްދިހަ ދެ ކައުންސިލް ގޮނޑިއަށް ދެ ޖިންސުގެ މީހުންނަށް ކުރިމަތިލެވޭނެއެވެ. އަދި ރަށު ކައުންސިލްގެ ރައީސްގެ މަޤާމަށް ސަތޭކަ ހަތްދިހަ ނުވަ މީހަކު އިންތިޚާބުކުރަންޖެހެއެވެ.

މާލެ ސިޓީ ކައުންސިލްގެ ހަ ގޮނޑި އާއި އައްޑޫ ސިޓީ ކައުންސިލް ހަތަރު ގޮނޑީގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލްގެ ދެ ގޮނޑި އަންހެނުނަށް ޚާއްސަކުރަންޖެހެއެވެ.