ޚަބަރު

ށ. ފުނަދޫ އެއާޕޯޓު އަންނަމަހު ހުޅުވަން ތައްޔާރުވަނީ


ށ. ފުނަދޫގައި ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓު އަންނަމަހު ހުޅުވަން މަސައްކަތް ކުރަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރު ވިދާޅުވީ ފުނަދޫ އެއާޕޯޓް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހު އިންސްޕެންޝަންތައް ފަށައި، ވަރަށް އަވަހަށް ޓެސްޓް ފްލައިޓް ޖައްސާނެކަމަށް ޒުހައިރު ވިދާޅުވިއެވެ. އެހެންނަމަވެސް އެއަޕޯޓް ހުޅުވާނެ ސީދާ ތާރީޚެއް ޓްރާންސްޕޯޓް މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ.

ފުނަދޫ އެއާޕޯޓުގެ ޓާމިނަލް ބިލްޑިންގެ މަސައްކަތް ނިންމާލާފައިވާއިރު މިހާރު ކުރިއަށްދަނީ ފަޔާ ބިލްޑިން އަދި ފަޔާ ޕޮންޑުގެ މަސައްކަތެވެ. ފުނަދޫ އެއާޕޯޓަށް ބޭނުންވާ މުވައްޒަފުން ހޯދަން ރީޖަނަލް އެއާޕޯޓްސް އިން މިހާރު ވަނީ އިއުލާނުކޮށްފައެވެ.

ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރާ ފުނަދޫ އެއަރޕޯޓް މަޝްރޫޢުގެ ދަށުން އެރަށުގައި އަޅާފައިވަނީ 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެކެވެ. ޓެކްސީވޭގައި 90 މީޓަރާއި އޭޕްރަންގެ ފުޅާމިނުގައި 50 މީޓަރު އަދި ދިގު މިނުގައި 150 މީޓަރު ހުރެއެވެ. ކުރިން 21 ހެކްޓަރުގެ ސަރަޙައްދެއް ހިއްކައިގެން ހެދުމަށް ހަމަޖެހިފައިވާ ފުނަދޫ އެއަރޕޯޓުގެ މަޝްރޫއަށް މިހާރު ވަނީ 40 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކައިފައެވެ.

ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 89 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ ފުނަދޫ އެއަރޕޯޓްގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ 2018 އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ފުނަދޫ އެއަރޕޯޓްގައި ތާރުއަޅަން ފެށީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. މިމަޝްރޫޢުގެ ތެރެއިން ފުނަދޫ އެއަރޕޯޓަށް ބޭނުންވާ ބިންހިއްކުމާއި، ރަންވޭއާއި އޭޕްރަންއާއި ޓެކްސީވޭގެ މަސައްކަތްވެސް ކޮށްފައިވަނީ އެމްޓީސީސީންނެވެ.

ފުނަދޫ އެއާޕޯޓަށް ދަތުރު ފަށަން ތައްޔާރުވެފައިވާއިރު، ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވައި މިދިޔަ ޑިސެމްބަރު އެއްވަނަ ދުވަހު ވަނީ ދަތުރުތައް ފަށައިފައެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު ތެރޭ 4 އެއަރޕޯޓެއް ހުޅުވުމަށެވެ.