ވިޔަފާރި

އިންކަމް ޓެކްސްއާއެކު ކުލި ބޮޑުކުރުމަކީ ޤަބޫލުކުރެވޭކަމެއް ނޫން - މީރާ


އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މުވައްޒަފުންގެ އުޖޫރައިން ޓެކްސް ނަގަން ފަށާނީ އެޕްރީލްމަހުގެ 1 ވަނަ ދުވަހުން ފެށިގެނެވެ. އިންކަމް ޓެކްސް ތަޢާރަފްވުމުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނެކަމަށް ސަރުކާރާއި ކަމާބެހޭ އިދާރާތަކުން ދެކެއެވެ. އަދި ޤާނޫނާ ޤަވާއިދާ ޚިލާފަށް ފައިސާ ހޯދާ ފަރާތްތައް ދެނަގަނެވި، ކޮރަޕްޝަން ހުއްޓުވުމަށްވެސް އިންކަމް ޓެކްސް ޤާނޫނަކީ މުހިއްމު ޤާނޫނެއްކަމަށް ތަޖުރިބާކާރުން ދެކެެއެވެ.

ނަމަވެސް އިންކަމް ޓެކްސްގެ ޤާނޫނާއެކު އިވެންފެށީ އެހެން ވާހަކައެކެވެ. އެކި ފަރާތްތަކުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލި ބޮޑުކުރުމުގެ ޝަކުވާއެވެ. ބައެއް ފަރާތްތަކުން 1500 ރުފިޔާއާއި 3000 ރުފިޔާއާ ދެމެދުގެ އަދަދަކުން ކުލި ބޮޑުކުރަމުންދާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކުލި ބޮޑުކުރަނީ އިންކަމް ޓެކްސް ޤާނޫނު ނުވަތަ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހޭތީކަމަށް ބައެއް ފަރާތްތަކުން ބުނާކަމަށް ސޯޝަލް މީޑިއާގައިވާ ޕޯސްޓްތަކުންވެސް އެނގެއެވެ. ނަމަވެސް ސުވާލަކީ އާމްދަނީން ޓެކްސް ނަގަން ފެށުމުން ތަންތަނުގެ ކުލި ބޮޑުވާންޖެހޭތޯއެވެ.

ޕީއެސްއެމް ނިއުސްގެ "އާމްދަނީން ނެގޭ ޓެކްސް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މީރާގެ އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް، ރެވެނިއު އޮޕަރޭޝަންސް މުޙައްމަދު ސިރާޖް ވިދާޅުވީ، ކުރިން ނަގަމުންދިޔަ ވިޔަފާރި ފައިދާގެ ޓެކްސްގެ ތެރޭގައިވެސް ކުއްޔަކީ އާމްދަނީއެއްކަމަށް ބަލާފައިވާކަމަށެވެ. އަދި އޭރު ކުލި ލިބޭ ފަރާތްތަކުން ޓެކްސް ދައްކަންޖެހެނީ އަހަރަކު 5 ލައްކައަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ، އޭގެ 15 ޕަސަންޓްކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖް ވިދާޅުވީ އަލަށް އަމަލުކުރަން ފަށާފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އަމްދަނީގެ ގޮތުގައި ކުލި ލިބޭ ފަރާތްތަކުން މިހާރު ޓެކްސް ދައްކަންޖެހޭނީ 5 ލައްކަ ރުފިޔާގެ ބަދަލުގައި އަހަރަކު 7 ލައްކަ 20 ހާސް ރުފިޔާއަށްވުރެ އިތުރަށް ލިބޭނަމަ، އިތުރުވާ އެއްޗަކުންނެވެ.

"ހަމައެކަނި ކުލި ލިބޭ ފަރާތްތަކަށް ބަލާކަމަށްވަންޏާ، ފަރުދެއްނަމަ ކުރީގައި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގައި މިއޮތީ ކުއްޔަކީވެސް ވިޔަފާރިއެއްގެ ގޮތުގައި ބެލެވިފައި. 5 ލައްކަ ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭކަމަށްވަންޏާ އެއަދަދެއްގެ ފުރަތަމަވެސް %15 ޓެކްސް ދައްކަންޖެހޭ. އެކަމަކު އިންކަމް ޓެކްސްގެ ޤާނޫނުގައި ފަރުދުން ފުރަތަމަ ޓެކްސް ދައްކަން ޖެހެނީ 7 ލައްކަ 20 ހާސް ރުފިޔާއަށްވުރެ އެފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ އިތުރުވާކަމަށްވަންޏާ." ސިރާޖް ވިދާޅުވިއެވެ.

ކުރިން އަމަލުކުރަމުންދިޔަ ގޮތުން އަހަރަކު 5 ލައްކައަށް ވުރެ އިތުރަށް ކުލީގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތްތަކުން 15 ޕަސަންޓްގެ ޓެކްސްއެއް ދައްކަންޖެހޭއިރު، ވަކި ވަކި ކެޓަގަރީތަކެއް ނޯވެއެވެ. އޭގެ ސަބަބުން ކުލީގެ ގޮތުގައި އަހަރަކު 5 ލައްކައެއްހާ ރުފިޔާ ލިބޭ މީހާއާއި، ކުލީގެ ގޮތުގައި އަހަރަކު އެތައް މިލިއަން ރުފިޔާއެއް ލިބޭ މީހާއާ ދެމެދު އެއްވެސް ތަފާތެއް ނޯވެއެވެ. ހުރިހާ ފަރާތަކުންވެސް ދައްކަންޖެހެނީ 15 އިންސައްތައިގެ ޓެކްސްއެކެވެ.

ނަަމަވެސް އަލަށް އަމަލުކުރަމުންދާ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ވަކި ވަކި ކެޓަގަރީތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 7 ލައްކަ 20 ހާހުން ފެށިގެން 1.2 މިލިއަން ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ ފަރާތްތަކުން ދައްކަންޖެހޭނީ 5.5 އިންސައްތައެވެ. އަދި 1.2 މިލިއަންއިން 1.8 މިލިއަން ރުފިޔާއާއި ހަމައަށް އާމްދަނީ ލިބޭ ފަރާތްތަކުން ޓެކުހުގެ ގޮތުގައި ދައްކަންޖެހެނީ 8 އިންސައްތައެވެ. 1.8 މިލިއަނުން 2.4 މިލިއަންއަށް އާމްދަނީ ލިބޭ ފަރާތްތައް 12 އިންސައްތަ ދައްކަންޖެހޭއިރު 2.4 މިލިއަނުން މަތިން އާމްދަނީ ލިބޭނަމަ ޓެކުހުގެ ގޮތުގައި ދައްކަންޖެހެނީ 15 އިންސައްތައެވެ. އެހެންކަމުން ކުރިން 5 ލައްކަ ރުފިޔާއަށްވުރެ އިތުރަށް ލިބޭ އެއްޗަކުން 15 އިންސައްތައިގެ ޓެކްސްއެއް ދައްކަންޖެހުނަސް، މިހާރު ޤާނޫނު އޮތްގޮތުން އަހަރަކު 7 ލައްކަ 20 ހާހަށްވުރެ އިތުރަށް ނުލިބޭނަމަ އެފަރާތަކުން ޓެކްސް ދައްކާކަށްވެސް ނުޖެހޭނެއެވެ. އަދި ކުލީގެ ގޮތުގައި ލިބޭ އާމްދަނީ ހިސާބުކުރުމުގައި ޚަރަދުތައް ކަނޑާއިރު، އޭގެ ތެރޭގައި ލޯނަށް ދައްކާ ފައިސާވެސް ހިމެނެއެވެ.

އިންކަމް ޓެކްސް ޤާނޫނާއެކު ކުލި ބޮޑުކުރާކަމުގެ ޝަކުވާ އިތުރުވަމުންދާއިރު، ހަޤީޤަތުގައި އިންކަމް ޓެކްސްގެ ޤާނޫނާއެކު ކުލިތައް ވާންޖެހޭނީ ކުޑައެވެ. އެއީ ކުރިން އެފަރާތްތަކުން ދައްކަމުންދިޔަ ޓެކްސް ކުޑަވުމުންނެވެ. އަދި ޤާނޫނުން އިތުރު ލުއިފަސޭހަތައް ދީފައިވުމުން އިންކަމް ޓެކްސްއާއެކު ކުލި ބޮޑުކުރުމަކީ ޤަބޫލުކުރެވޭނޭކަމެއް ނޫންކަމަށް މީރާއިން ބުނެއެވެ.